އުވާލާފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއެއް މޯލްޑިވްސް ޑެފް އެސޯސިއޭޝަންއަށް ޔޫތް މިނިސްޓްރީއިން ދީފި އެވެ.
އެމްޑީއެން އުވާލަން ނިންމައި އެ ޖަމްއިއްޔާގެ ދަރަންޏާއި މުދާ އަދި ފައިސާއާ މެދު އަމަލު ކުރާނެ ވަކިގޮތެއް މިނިސްޓްރީއަށް އަންގަން ޖަމްއިއްޔާތަކުގެ ގާނޫނުގައި ބުނާ، 45 ދުވަހުގެ މުއްދަތެއް ޖަމްއިއްޔާއަށް ނަމަވެސް އެ މުއްދަތުގައި އެ ޖަމްއިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާތީ، ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގެ ހ. ގެ ދަށުން، އެ ފައިސާ އެހެން މަދަނީ ޖަމްއިއްޔާއަކަށް ދޭން ނިންމީ ކަމަށް މައުލޫމާތު ލިބެއެވެ.
ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގެ ހ. ގައި ބުނަނީ؛ ޖަމްއިއްޔާއެއް އުވާލަން ނިންމައި ޖަމްއިއްޔާއެއްގެ މުދަލާއި ދަރަންޏާއި މައްސަލަތައް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު، އެކަން އެ ޖަމްއިއްޔާއަކުން ރަޖިސްޓްރާއަށް ނާންގައިފި ނަމަ، އެ ޖަމްއިއްޔާއެއްގެ މިލްކުގައިވާ އެންމެހާ ތަކެތި ރަޖިސްޓްރާ ކަނޑައަޅާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލު ކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރަންވާނެ ކަމަށެވެ.
ޑެފް އެސޯސިއޭޝަނަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށް 2008 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ.
ޑެފް އެސޯސިއޭޝަނަސް ދީފައި ވަނީ ކިހާ ފައިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

