ޗައިނާއިން ފެނުނު ނޭވާލާ ނިޒާމަށްޖެހޭ ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ފިޔަވަޅު އަޅަންފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗުޕީއޭ) އިން ނެރެފައިވާ ނޫސްބަޔަނެއްގައި ވިދާޅުވެފައިވަނީ ޗައިނާގައި ފެތުރެމުންދަނީ ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ބައްޔެއް ކަމަށެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ކަމަށާއި މިހާރު އެބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ޗައިނާގެ ވުހާން ސިޓީގައި އެ ބަލި ފެތުރެން ފަށައިފައިވަނީ ފާއިތުވި ޑިސެމްބަރު މަހުން ފެށިގެންނެވެ. އެހިސާބުން ފެށިގެން މިހިނގާ ޖެނުއަރީ 20 ހަމައަށް 200 މީހެއްގެ ގައިން އެބަލިވަނީ ފެނިފައެވެ. މިހާތަނަށް ދެ މީހަކު ވަނި އެބަލީގައި މަރުވެފައި ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް އެޗުޕީއޭ އިން ވިދާޅުވެފައިވެއެވެ.
އޮފިޝަލް ވިދާޅުވީ، ޖަޕާނާއި ތައިލެންޑުގެ މިބަލި ފެނިފައިވާ ކަމަށެވެ. އަދި މިބަލި އަރަނީ ސީފުޑު ނުވަތަ ޖަނަވާރުން އަރާ ޖަރާސީމަކުން ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.
އެބަލިން ރައްކާތެރިވުމަށްޓަކައި ޗައިނާއަށް ދަތުރުކުރިޔަސް ދޫނިސޫފާ ސޫފި އަދި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުމަށާއި ބަލިމީހުންނާ ކައިރިނުވުމަށް ނުވަތަ އެމީހުންނާއެކީ ނޫޅުމަށާއި ސައިބޯނި ލައިގެން ގިނައިން އަތްދޮވުމަށް އިރުޝާދު ދެއްވާފައިވެއެވެ. އޭގެ އިތުރަށް ކެއްސާ އަދި ކިނބިހި އަޅާއިރު ޓިޝޫއެއް ފަދަ އެއްޗަކުން ރަނގަޅަށް ނޭފަތާއި އަނގަ ނިވާކުރުމަށް އިރުޝާދު ދެއްވާފައި ވެއެވެ. އަދި ޓީޝޫ ބޭނުން ކުރުމަށްފަހު ޑަސްބިން އަށް އެއްލާލުމަށް ވެސް އިރުޝާދުދީފައިވެއެވެ.
އެޗުޕީއޭއިން ވިދާޅުވީ މިބަލި ފެތުރޭ ހިސާބަށް ދަތުރުކޮށްފައިވާ މީހުންގެ ތެރެއިން ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެންނަ ކަމަށްވާނަމަ މާސްކު އަޅައިގެން އުޅުމަށާއި ސިއްހީ ޚިދުމަތެއް ހޯދަންނޫން އެހެން އެއްވެސް ކަމެއްގައި ބޭރަށް ނުނިކުތުމަށެވެ.
އޭގެ އިތުރަށް ފާއިތުވި 14 ދުވަހު އެފަދަ ގައުމަކަށް ދަތުރުކޮށްފައިވާ ގައުމުތަކާއު ޓްރާންސިޓުކޮށްފައިވާ ގައުމުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗުޕީއޭ އިން ވިދާޅުވެފައިވެއެވެ. މިބަލިން ރައްކާތެރިވުމަށް ޑަބްލިޔުއެޗުއޯގެ ލަފާގެ މަތީން އިތުރުފިޔަވަޅުއަޅުއްވާނެ ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

