އީރާނަށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި އެމެރިކާއިން ހުއްޓާލަފާނެ ކަމަށާއި، ދުނިޔޭގެ އިގްތިސާދަށާއި ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާ މި ހަނގުރާމަ ނިންމުމަކަށް ގެނައުމަށް އީރާނާއެކު އެއްބަސްވުމެއް ހެދުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި ޑިޕްލޮމެޓިކް ހައްލެއް ނުވަތަ އީރާނާއެކު އެއްބަސްވުމެއް ހަދާކަށް ނުޖެހޭ ކަމަށެވެ.
”އީރާނަކީ ގިނަ ދުވަސްތަކަކަށް ފަހަތަށް ސޮއްސާލައި، ފަހުގެ ތާރީޚީ ޒަމާނަކަށް ވައްޓާލެވިފައިވާ ބައެއް ކަމާއި، އެމީހުންނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަން ނެތްކަން އަހަރެމެންނަށް ޔަގީންވުމުން، އަހަރެމެން އެތަން ދޫކޮށް ދާނަން،“ ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ލަފާކުރެއްވި ގޮތުގައި އެމެރިކާއިން ވަރަށް އަވަހަށް އެ ސަރަހައްދު ދޫކޮށްދާނެއެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ވޮޝިންގޓަނާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި މަގްސަދުތަކުގައި ކުރާ ކަމެއް ކަމަށާއި، ނިއުކްލިއާ ހަތިޔާރު އުފައްދަން ދުވަހަކުވެސް މަސައްކަތް ނުކުރާ ކަމަށެވެ. މީގެ ކުރިން އީރާނުން މަޝްވަރާއަށް އެދި އާދޭސްކުރާ ކަމަށް ވިދާޅުވި ޓްރަމްޕްގެ ރޫހު މިހާރު ވަނީ ބަދަލުވެފައެވެ.
މި މައްސަލައިގައި ކުއިންސީ އިންސްޓިޓިއުޓްގެ ޚާރިޖީ ސިޔާސަތާ ބެހޭ މާހިރު ތުރީތާ ޕާސީ ވިދާޅުވީ، ހަނގުރާމަ ނިންމާލާނެ ކަމަށް ބުނާ މުއްދަތު ތަކުރާރުކޮށް އިތުރުވަމުންދާ ކަމަށެވެ. ”ފުރަތަމަ އެމީހުން ބުނީ ހަތަރު ދުވަސް ތެރޭގައި ހަނގުރާމަ ނިމޭނެ ކަމަށް. ދެން މީގެ ތިން ހަފުތާ ކުރިން ބުނީ ތިން ހަފުތާ ތެރޭގައޭ. މިހާރު ތިން ހަފުތާ ފާއިތުވުމުން އަނެއްކާވެސް މި އިވެނީ ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ވާހަކަ،“ ޕާސީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ކޮންޓްރޯލް އެމެރިކާގެ އަތުން ބޭރުވެފައިވާ ކަމަށެވެ.
ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެ، ތެލުގެ އަގު އުފުލެމުންދާތީ ޓްރަމްޕް ވަނީ އެމެރިކާގެ ބައެއް އެކުވެރި ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ’ޓްރުތް ސޯޝަލް‘ ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އަމިއްލައަށް ހަނގުރާމަކުރަން ދަސްކުރަން ޖެހޭނެ ކަމަށާއި، އެމެރިކާއިން ދެން އެހީތެރިކަން ނުދޭނެ ކަމަށެވެ. އަދި އެ ގައުމުތަކުން ތެލުގެ ބޭނުންތައް އަމިއްލައަށް ފުއްދުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

