ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްވިފްޓުން ބީއެމްއެލް ސަސްޕެންޑް ކުރި ވާހަކައަކީ ދޮގެއް: ޝަރީފް

Image: BML
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްވިފްޓުން ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތެއް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ޝަރީފް މިކަން ހާމަކުރެއްވީ ހުޅުމާލޭގެ ފޭސް އެކެއްގައި އަޅާ އިތުރު 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، ބޭންކުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައި، ތަފާތު މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުންދާ ދަނޑިވަޅެއްގައި، ބޭންކަށާއި މުޅި ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެހެން ކަސްޓަމަރުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށެވެ.

ވަކިން ހާއްސަކޮށް، ސްވިފްޓުން ބޭންކު ސަސްޕެންޑްކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ޓީޓީ ފަދަ ކްރޮސްބޯޑަރ ޕޭމަންޓްތައް ނުހެދޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް އޭނާ ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ.

”މިކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން އޮތީ މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކޭ. ސްވިފްޓުން ސަސްޕެންޑެއްވެސް ނުކުރޭ، ބޭންކުގައި ބޭރުފައިސާގެ ލިކިއުޑިޓީ ހުންނަންޖެހޭ ވަރަށް އެބަހުރި،“ ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭންކުގެ ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، އެ އެކައުންޓްތަކުގައިވެސް ހުންނަންޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި ކަމަށެވެ. އަދި ނޮސްޓްރޯ އެކައުންޓްގައި ފައިސާ ނުހުންނަ ނަމަ އިންޓަނޭޝަނަލް ޕޭމަންޓްސްގެ އެއްވެސް ޚިދުމަތެއް ބޭންކަށް ނުދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުވެސް ބޭންކުން ކާޑުގެ ޚިދުމަތާއި ޓީޓީގެ ޚިދުމަތް ހިމެނޭހެން ކްރޮސްބޯޑަރ ހުރިހާ ޕޭމަންޓްތަކެއްގެ ޚިދުމަތް މެދުކެނޑުމެއް ނެތި ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ދުނިޔެ މިހާރު ކުރިމަތިލާފައިވާ މި ފަދަ ހައްސާސް ދަނޑިވަޅެއްގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމުގެ ބޭނުމަކީ ބޭންކުގެ ޕާޓްނަރުންނާއި ކަސްޓަމަރުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި، ރާއްޖޭގެ ބޭންކިންގ ނިޒާމާއި އިގްތިސާދަށް ގެއްލުން ދިނުން ކަމަށެވެ.

ޝަރީފް ވަނީ ބޭންކާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް ބޭންކުން ނުވަތަ އެމްއެމްއޭ އިން ދޭ މައުލޫމާތަށް ބިނާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކާކުކަން ނޭގޭ ގޮތަށް ފަތުރާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: