ނައްތާލާފައިވާ ހިމަބިހި ރާއްޖެއިން އަލުން ފެނުމާއި ގުޅިގެން ބަލިން ރައްކާތެރިވުމަށް އަޅަމުން ދާ ފިޔަވަޅުތަކުގެ ދަށުން ބުރާސްފަތި ދުވަހު ތިރީހާސް ހާހަށް ވުރެ ގިނަ ވެކްސިން ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސްއެއް ވަނީ ފެނިފައެވެ. އެއަށްފަހު އުމުރުން 30 އަހަރުގެ ފިރިހެނަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނައްތާލެވިފައިވާ ހިމަބިހި އަލުން ފެންނަން ފަށާފައިވާއިރު އެ ބައްޔަށް ޝައްކު ކުރެވިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ބައްޔަށް ސްކްރީން ކުރެވިފައެވެ. ހިމަބިހި މިފަހުން ރާއްޖޭގައި ފެތުރެން ފެށިފަހުން މިހާތަނަށް ހަތަރު މީހަކަށް އެ ބަލިވަނީ ޖެހިފައެވެ.
ހިމަބިހި ފެތުރުން ހުއްޓުވުމަށާއި، މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން މިހާތަނަށް ބައްޔަށް ސްކްރީން ކުރެވުނު މީހުންނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ބަލި ފެތުރިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން ދާ ކަމަށެވެ. އެގޮތުން މިހާތަނަށް 79 މީހަކު ހިމަބިއްސަށް ޓެސްޓުކޮށްފައިވާއިރު ފާއިތުވީ ދެ ދުވަހު ކުރި ޓެސްޓުތަކުން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ނުވާކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވަނީ، ހަމަބިއްސަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ އެ މީހަކު ދިރިއުޅޭ ގޭގައި ވަށައިގެން ވެސް އުޅޭ މީހުންނަށް ވެކްސިން ދީފައިވާކަމަށް ވިދާޅުވެފައިއެވެ. އަމީން ވިދާޅުވީ މިހާތަނަށް މުޅި ޖުމްލަ 3،100 މީހުންނަށް ވެކްސިން ދެވިއްޖެ ކަމަށެވެ. އަމީން ވިދާޅުވީ ކެމްޕެއިން ފެށުމަށް މިހާތަނަށް ގިނަ މައުލޫމާތުތަކެއް އެއްކުރެވިއްޖެ ކަމަށެވެ. ވެކްސިން ނުޖަހާ ގިނަ މީހުން ދެނެގަނެވިފައިވާ ކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ އެ މައުލޫމާތުތައް ސްކޫލްތަކާއި އެހެނިހެން މައުލޫމާތުތައް އެއްކޮށް ދަފުތަރުކުރުމުން ވެކްސިން ނުޖަހާ މީހުންގެ ސީދާ އަދަދެއް އެނގިގެން ދާނެކަމަށެވެ.
ހެލްތު މިނިސްޓްރީން މިހާރު ދަނީ ޔުނިސެފާއި ޑަބްލިއުއެޗްއޯއާ ގުޅިގެން 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ފެތުރެމުން އަންނަ ހިމަބިއްސާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ހުރި ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަނންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް 24 ގަޑިއިރުތެރޭ ނިންމުމަށް އަމާޒު ހިފި ނަމަވެސް އެކަން ކާމިޔާބުނުވި ކަމަށާއި އުއްމީދަކީ މި ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލުން ކަމަށެވެ.
ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު އެއްލަކަ ތިރީސް ހަތަރު ހާސް މީހުން މަރުވާ މީސްލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.
ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ. މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ. އަދި ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

