ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި މަޝްވަރާކޮށް އިތުރު ހަ ތާމަލް ކެމެރާ ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް 11 މިލިއަންގެ އާބާދީއެއް އޮންނަ ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު މި ވައިރަހަކީ ގައިން ގަޔަށް އަރާ ވައިރަހެއް ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ނިއުމޯނިއާގެ އަލާމާތްތައް ހުންނަ މި ބަލީގެ ސަބަބުން މިހާތަނަށް ބައެއް މީހުން ހާލަތު ވަނީ ސީރިއަސް ވެފައެވެ.
މިދިޔަ މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބަޔާނެއް ނެރެ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އޮތުމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ގޮތުގެ މަތީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުނެފައެވެ.
ޗައިނާއިން ފެތުރުނު، ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަންވެސް ވަނީ ފަށާފައެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެ ވައިރަސްއަށް މިހާރު ޓެސްޓު ކުރަމުންދަނީ އެންމެ ކެމެރާއަކުން ކަމަށެވެ. އެހެން ނަމަވެސް، ރާއްޖެއާއި ހަމައަށް ވައިރަސް އައުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހަ ކެމެރާ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ، ވީއައިއޭގެ އިތުރުން ރާއްޖޭގެ ޕޯޓުތަކާއި ހުރިހާ އެންޓްރީ ޕޮއިންޓުތަކެއް ސްކްރީން ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ގަން އެއާޕޯޓު ވެސް އަމީން ވަނީ ފާހަގަކުރައްވާފައެވެ. އަމީން ވިދާޅުވީ ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި އައިސޮލޭޓު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން އައިސޮލޭޝަން ފެސިލިޓީތައް މިހާރު ހުރީ ކަނޑައެޅިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަމީން ވިދާޅުވީ މާދަމާއިން ފެށިގެން އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ފާހަގަކޮށް އެ އައިސޮލޭޝަންގެ ތެރޭ ކަންކަން ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އަމީން ވަނީ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި ޓެސްޓުތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން އެއަށް ސްކްރީން ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގައިން ގަޔަށް އަރާ މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 440 އަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މި ބަލިޖެހިފައިވާ މީހުން ޗައިނާގެ އިތުރުން ތައިލެންޑު، ޖަޕާން އަދި ތައިވާން، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވަނީ ފެނިފައެވެ. އަދި މި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް އެގައުމުގައި ބާރަށް ދަނީ ކުރަމުންނެވެ.
އެޗްޕީއޭއިން ބުނީ، ކޮރޯނާ ވައިރަސް ފެތުރޭ ހިސާބުތަކަށް ދަތުރުކުރުމަށް ފަހު ނޭވާލަން އުނދަގޫވާ ނަމަ ނުވަތަ އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ މާސްކް އަޅައިގެން އުޅުމާއި ސިއްހީ ހިދުމަތް ހޯދުން ފިޔަވައި އެހެން ކަމަކަށް ބޭރަށް ނުނިކުތުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ޓްރާންސިޓް ކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް ދަތުރުކުރި ތަންތަނުގެ މައުލޫމާތު ދިނުމަށް ވެސް އެ އެޖެންސީން އެދެ އެވެ.
ފެތުރެމުންދާ ވައިރަހުގައި ބަލިވި ގިނަ މީހުންނަކީ ސީފުޑާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި އެތަންތަނަށް އެކި ކަންކަމުގައި ގޮސްފައިވާ މީހުންނެވެ.

