ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ އިދާރާތައް އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނަން: ރައީސް

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން- ފޮޓޯ: މޮމްސް ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށްޓަކައި ހަވާލުވެ ތިބޭ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލުވެއްޖެ ނަމަ އެ މީހަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެގެން އައީ އިހުމާލުގެ ސަބަބުން ކަމަށެވެ. ޒަމާނުއްސުރެ އެފަދަ ކަންކަމާ ދޭތެރޭ އަޅާ ނުލައި އޮތުމުގެ ނަތީޖާއަކީ މިފަދަ މައްސަލަތައް އިންތިހާއަށް އިތުރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދާނެކަން ފާހަަަގަ ކުރައްވާފައެވެ. އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ހަވާލުވެތިބޭ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެކަމަށް ނުކުޅެދިއްޖެނަމަ އެ މީހަކާއި ދެކޮޅަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އެއްވެސް ފަސްޖެހުމެއް ނެތި އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

”ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށްޓަކައި ހަވާލުވެގެން ތިބޭ ދައުލަތުގެ މުވައްޒަފަކު އެއިން ކަމަކަށް އިހުމާލުވެއްޖެ ނަމަ، އެކަމާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑު އެ މުވައްޒަފަކާ ދޭތެރޭ އަޅާނަން.“ ރައީސް ސޯލިހު

މިދިޔަ ހަފްތާގެ ކުރީކޮޅު އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާ ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއަށްފަހު މިވީ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ އެތައް މައްސަލައެއްގެ އިތުރުން މީގެ ކުރިން ތަހުގީގު ނުކޮށް ދޫކޮށްފައި ހުރި އެތައް މައްސަލައެއްގެ ތަހުގީގު ވަނީ އަލުން ފަށާފައެވެ. މި މައްސަލައިގައި ކުއްޖާގެ މުނި ކާފަ އާއި ކާފަ ހައްޔަރުކޮށްފައިވާއިރު އިހުމާލުގެ ތުހުމަތުކޮށް ކުއްޖާގެ ބައްޕަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފައެވެ.

ކަނޑުހުޅުދޫގެ ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ކަނޑުހުޅުދޫގައި ހިނގާދިޔަ ހާދިސާއަކީ ވަރަށް ބޮޑުވާ ހިތާމަވެރި ހާދިސާއެއް ކަމަށާ މިކަންކަން މިހާ ހިސާބަށް އައީ ކީއްވެގެންކަން އޮޅިފައި ނެތް ކަމަށެވެ.

”މި ކަންތައްތައް މިހިސާބަށް އައީ ކީއްވެގެންކަން އަޅުގަނޑުމެން އެއްވެސް މީހަކަށް އޮޅިފައެއް ނެތް. މިއީ ޒަމާނުއްސުރެ މިކަމާ ދޭތެރޭ އަޅާނުލެވި އޮތުމުގެ ސަބަބުން ދިމާވި ކަމެއް.“ ރައީސް

މިފަދަ މައްސަލަތަކުގައި ކުރީގެ ސަރުކާރުގެ އިހުމާލުތަކެއް ވާ ކަމަށް ވިދާޅުވެ ރައީސް ވަނީ މާޒީގެ ވާހަަކަ އަބަދު ދެކެވެން ނެތް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމާއި އެފަދަ މައްސަލަތައް އަވަހަށް ގެންދިއުމަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައެވެ.

ކަނޑުހުޅުދޫގައި ކުއްޖަކަށް ކުރި ޖިންސީ ގޯނާގެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކުރުމަށް އާއްމުން ދަނީ ގޮވާލަމުންނެވެ. އެ މައްސަލައާއި ގުޅިގެން ދައުލަތުގެ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް، މަޖިލީހުން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ. ކޮމެޓީން ހަ ކަމެއް ތަންފީޒް ކުރުމަށް ފާސްކޮށްފައިވާއިރު އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގެވުން ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަތުމަށް އެކުލަވާލައްވާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މަޢުލޫމާތު ދިރާސާކުރައްވައި، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަނެ މިފަދަ ޢާއިލާތައް ދަފްތަރުކުރައްވައި މިފަދަ ޢާއިލާތައް ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލެއްވުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: