ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ކުރިއަށްދިޔަ އިންތިޚާބުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަަކަމަށެވެ. އަދި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ތަހްނިޔާ ދަންނަވާފައެވެ.
”ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަން“
ހޮނިހިރު ދުވަހު ރާއްޖޭގައި ތިން އިންތިޚާބެއްގެ ވޯޓުލުން ވަނީ ކުރިއަށް ގޮސްފައެވެ. އޭގެތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ޢާންމު ވޯޓެވެ.

