މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އިންތިޚާބުނުވި ނަމަވެސް، މި އިންތިޚާބީ ދަތުރުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް އާއިޝަތު އަލައިކާ ވިދާޅުވެއްޖެއެވެ.
އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބުގެ ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް، މި ދަތުރުން އޭނާއަށް ލިބުނީ މާމަތިވެރި އަދި ދެމިގެންދާނެ ކާމިޔާބީއެއް ކަމަށެވެ. ”އެއީ ގިނަ ބައެއްގެ އިތުބާރާއި، ލޯތްބާއި، ޔަގީންކަން. މިއީ އަޅުގަނޑު ނުހަނު އުފަލާއެކު ބަލައިގަންނަ ބޮޑު ކާމިޔާބީއެއް،“ އަލައިކާ ވިދާޅުވިއެވެ.
އަލައިކާ ފާހަގަކުރެއްވި ގޮތުގައި އޭނާގެ މި ދަތުރަކީ ހަމައެކަނި މަޤާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫނެވެ. އެއީ ގިނަ އާއިލާތަކެއްގެ ޙައްޤުގައި، އަދި ހަމަހަމަ ފުރުޞަތުތަކާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރެވުނު އިޚްލާޞްތެރި މަސައްކަތެކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި ލިބޭ އިނާޔަތެއް ނޫން ކަމަށާއި، އެއީ އެންމެންނަށް ލިބިގެންވާ ޙައްޤެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތުގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން އަލައިކާ ވިދާޅުވީ، މި ދަތުރުގައި ބައެއް ފަރާތްތަކުން އޭނާއާއި ދޭތެރޭ އަމަލުކުރި ގޮތުން މާޔޫސްކަމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭނާގެ ނިޔަތާއި މަސައްކަތް އޮޅޭގޮތަށް ތަފާތު ލޭބަލްތައް އެޅުވުނު ނަމަވެސް، އޭނާ ހުރީ ސާބިތުކަމާއެކު އޭނާ ގަބޫލުކުރާ އުޞޫލުތަކުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.
އަލައިކާގެ ވާހަކަ ނިންމާލަމުން ވިދާޅުވީ މިއަދަކީ ނިމުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިއީ ”ހަމަހިމޭން ބަދަލެއް“ ކަމަށެވެ. ކުރިއަށްއޮތް ތަނުގައި ދަތުރު ކުރިއަށް ގެންދަނީ އާ ބާރަކާއެކު، ނަޒާހަތްތެރިކަމާއި ޚިދުމަތްތެރިކަމާއެކު ކަމަށާއި، އިޚްލާޞްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

