މިއަހަރު ރާއްޖެއިން ޙައްޖަށްދާ ހައްޖުވެރިން މެއި 15 އިން ފެށިގެން ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ޙައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަތަރު މަތިންދާ ބޯޓެއްގައެވެ. ބައެއް ޙައްޖުވެރިން އެ ގައުމަށް ދާނީ މޯލްޑިވިއަން އެއާލައިންގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މިގޮތުން ޙައްޖުވެރިން ގޮވައިގެން ދާ ފުރަތަމަ ފްލައިޓް މެއި 15 ގައި ފުރާއިރު، އެ ޙައްޖުވެރިން ފުރާނީ ސައުދިއާގެ ފްލައިޓެއްގައެވެ. އަދި ޙައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ފަހެއްގައެވެ.
ޙައްޖުވެރިން ގޮވައިގެން ދާ ދެވަނަ ފްލައިޓް މެއި 17 ގައި ފުރާއިރު، އެ ޙައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އަދި ޙައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ހަތެއްގައެވެ.
ޙައްޖުވެރިން ގޮވައިގެން ދާ ތިން ފްލައިޓް މެއި 18 ގައި ފުރާއިރު، އެ ޙައްޖުވެރިން ފުރާނީ ސައުދިއާގެ ފްލައިޓެއްގައެވެ. އެ ޙައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން އަށެއްގައެވެ.
ޙައްޖުވެރިން ގޮވައިގެން ދާ ފަހު ފްލައިޓް މެއި 19ގައި ފުރާއިރު، އެ ޙައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ޙައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ނުވައެއްގައެވެ.
ކޮންމެ އަހަރަކުވެސް ޙައްޖު އަޅުކަމަށް ދިއުމަށް ސައުދީން ރާއްޖެއަށް 1،000 ކޯޓާ ދެއެވެ.

