ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފިއެވެ.
އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރި ދައުވާގެ ޝަރީއަތުގައި ފެބްރުއަރީ، 2018 ގައެވެ.
ސުޕްރީމް ކޯޓުން 2018 ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރަށް ފަހު، އަބްދުﷲ ސައީދުގެ ހައްޔަރުކޮށް، ގިނަ ދައުވާތަކެއް އުފުލިއެވެ.
އެގޮތުން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ތިން ދައުވާ ސާބިތު ވިޔަސް ދެ ދައުވާއަކާ ގުޅިގެން އައި ދެ ހުކުމް އެމަނިކުފާނު ވަނީ ތަންފީޒުކޮށް ނިންމަވާފަ އެވެ.
މިއަދު ހައިކޯޓުން އެ މައްސަލަ ނިންމައި ކުރި ހުކުމްގައި ކަނޑައެޅީ ކުރިމިނަލް ކޯޓުން އިއްވާފައިވާ އެ ހުކުމް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދުއެވެ.
ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމާ އެކު އެމަނިކުފާނުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އިއްތިފާގުވެވޭ ކަމަށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު އެވެ.
އެ ހުކުމުގައި ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަންގާފައިވެއެވެ. ނަމަވެސް އެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.
ހުކުމަށްފަހު ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އޭރުގެ ސަރުކާރުން އަންގައިގެން، ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށްވަދެ އަބްދުﷲ ސައީދާ، އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ބަންދުކުރިއެވެ.
ދެ ފަނޑިޔާރުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ބައެއް ސިޔާސީ އެހެން ބޭފުޅުންވެސް ހައްޔަރުކޮށްފައިވެއެވެ.

