ދިވެހިރާއްޖޭގައި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު މާލީ މުއާމަލާތްތައް ޑިޖިޓަލްވަމުންދާއިރު، މަކަރާއި ހީލަތުން ފައިސާ ހޯދާ ނުވަތަ ސްކޭމް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނުއިރު، މިފަދަ ކުށްތައް ހުއްޓުވުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން އެކަން ރިޕޯޓުކުރުން ލަސްވުން ކަމަށް އެ ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވަނީ ފާހަގަކުރައްވާފައެވެ.
ސްކޭމެއް ހިނގާތާ މަދުވަގުތުކޮޅެއްގެ ތެރޭގައި، ސްކޭމަރުން އެ ފައިސާ އެކައުންޓުން އެކި ގޮތްގޮތަށް ނަގައި ނުވަތަ އެހެން އެކައުންޓްތަކަށް ބަދަލުކުރެއެވެ. އިންސްޕެކްޓަރ ނަވީދު ވިދާޅުވި ގޮތުގައި، ރިޕޯޓުކުރުން ލަސްވުމުގެ ސަބަބުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. ފައިސާ އެކައުންޓުން ބޭރުވުމުގެ ކުރިން ފިޔަވަޅު އެޅުމަށް އޮންނަ ވަގުތުކޮޅަކީ މިފަދަ މައްސަލަތަކުގައި އެންމެ މުހިންމު ވަގުތެވެ.
އެންޓި-ސްކޭމް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަކީ އީ-ކޮމާސް ނުވަތަ ވިޔަފާރި މުއާމަލާތްތަކުގެ ތެރެއިން ހިންގާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައީ ބޭރުފައިސާ ގަނެވިއްކުމުގެ ތެރެއިން ހިންގާ އޮޅުވާލުންތަކެވެ. މީގެ އިތުރުން ޕިރަމިޑް ސްކީމްތައް ފަދަ އުކުޅުތަކަކީ ހަގީގީ ކަންކަން ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވި، އޭގެ މަޅީގައި ޖެހެމުންދާކަން ފާހަގަކުރެވެއެވެ. މިއީ އާންމުން މިފަދަ ކަންކަމަށް އަހުލުވެރިވެފައިވާ މިންވަރު ކުޑަކަމުގެ ހެއްކެކެވެ.
ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި 2259 މައްސަލަ ހުށަހެޅިފައިވާއިރު، 3852 އެކައުންޓެއް ވަނީ ފްރީޒްކުރެވިފައެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ގެއްލުނު ފައިސާގެ 40 އިންސައްތަ އަނބުރާ ހޯދައިދެވިފައިވެއެވެ. މީގެ ތެރޭގައި 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއެއް ހިމެނެއެވެ. އަދި 36 މީހަކު ހައްޔަރުކޮށް، 10 މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.
ބަވަނަވެފައިވާ ދުނިޔޭގައި ސްކޭމްގެ ކުށްތަކަކީ ގިނަ ފަހަރަށް އެކި ގައުމުތަކާއި ގާނޫނީ އިހުތިޞާސްތައް ޝާމިލުވާ ކަންކަމެވެ. ’ކްރޮސް ޖުރިސްޑިކްޝަން‘ މައްސަލަތަކުގެ ސަބަބުން ތަހުގީގުތައް ހިންގުމަށާއި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި ވަކިވަކި ފަރުދުންގެ ޒިންމާ ވަރަށް ބޮޑެވެ. ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވުމާއި، ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވޭއިރު ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ގެއްލުން ކުޑަކުރުމަށް އޮތް އެންމެ މުހިންމު މަގެވެ. އެންޓި-ސްކޭމް ސެންޓަރާއި ކަމާގުޅޭ އިދާރާތަކުން ކުރާ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ލިބިގެން ނޫނީ މި ވަބާއިން މުޖުތަމައު ސަލާމަތެއް ނުކުރެވޭނެއެވެ.

