ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ، އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެމްއާރްއެމުން މިހެން ބުނީ، ހުރަވީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.
ހުރަވީ ދުވަހަކީ އަލްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރަ) މަލާބާރީންނާ ހަގުރާމަކުރައްވައި، މަލާބާރީންގެ އަޅުވެތި ކަމުން ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވި ދުވަހެވެ.
އެމްއާރުއެމުގެ ބަޔާނުގައި އިތުރަށް ބުނީ، ހުރަވީ ދުވަހަކީ، ތާރީޚުން ޢިބުރަތް ލިބިގަންނަން ޖެހޭ ދުވަހެއް ކަމަށާއި ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާ މެދު ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ،އެ ރަސްގެފާނު ފަދައިން ޤައުމަށްޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ހުރި މީހަކަށް މިއަދު ވާންޖެހޭ ކަމަށެވެ.
ހުރަވީ ދުވަހަކީ، ޤައުމުގައި ހިނގާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް، ޤައުމަށް އިސްލާޙީ ބަދަލުތައް ގެނައުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަސް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ހިނގާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ގެވެށި އަނިޔާއާއި އަދި މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމާއި މިފަދަ ގިނަ ޖަރީމާތައް ހުއްޓުވޭނީ އެންމެން ގުޅިގެން އެއްބަޔެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
”އެހެންކަމުން، މިއަދުގެ މުނާސަބަތުގައިވެސް ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ހަރުދަނާކޮށް، ޢަދުލު އިންސާފު ކަށަވަރު ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ޤައުމީ ވާޖިބަކަށް ހަދައި، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަމެވެ.“ އެމްއާރުއެމުން ވިދާޅުވެފައެވެ.

