މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހިތުގެ ބަލިތަކާއި އެކު، މައިބަދައިގައި މައްސަލަތަކެއް ޖެހި ސާޖަރީއެއް ހަދަން ޖެހިފައިވާކަމަށް އިސްތިއުނާފު އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހު ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި ހަ މަސް ދުވަހުގެތެރޭގައި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ، ފަސް މިލިއަން ޑޮލަރު ދެއްކުމަށެވެ.
އެ ހުކުމަކީ، އެއްވެސް އަސާސެއް ނެތް ހުކުމެއް ކަމަށް ބުނެ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި އެ މަައްސަލަ އިސްތިއުނާފުކޮށް އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މިއަދު ބޭއްވިއިރު، ޝަރީއަތް ނިމިގެންދިޔައީ ފޯރިގަދަ އަޑުއެހުމަކަށްފަހުއެވެ.
ވަކީލުންގެ ފަރާތުންނާއި، ދައުލަތުގެ ނުކުތާތަކަށްފަހު ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް، ދޮގުތަކެއްގެ ދައުވާއެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ލީޑަރުންކަން އަދާ ކުރައްވާއިރު މިއީ އެތައް ހާސް ރައްޔިތުންނަކަށް ވެވޭ ބޭއިންސާފެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ހުރިހާ ކަންތަކެއް ދިމާވުމާއި އެކު ހައްޔަރުގައި ބެހެއްޓި މުއްދަތުގެ ތެރޭގައި ނަފްސާނީގޮތުން ކަންތަކާއި ކުރިމަތިލާންޖެހުނު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ހިތުގެ މައްސަލަތަކެއް ވެސް ދިމާވި ކަމަށާއި އެއީ އެންމެ ފުރަތަމަ މައްސަަލައިގައި ބަންދު ކުރި ދުވަސްވަރުކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އޭރު ބަންދުން ދޫކުރުމާއި އެކު ޑޮކްޓަރަށް ދެއްކެވި ކަމަށެވެ. އައިޖީއެމްއެޗްގެ ކާޑިކް ސެންޓާރ އިން ޓެސްޓުތަކެއް ހެދުމަށްފަހު ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތް ކަމުގެ މައުލޫމާތު ދެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
”އެއް މަސް ދުވަހުގެ ތެރޭގައި އަޅުގަނޑަށް ނަފްސާނީ ކަންތަކެއް ދިމާވި. ސިއްހީގޮތުން ގެއްލުންތަކެއް ވެއްޖެ. އަޅުގަނަޑު މިވަނީ ހިތުގެ ކޮންޑިޝަންއެއް ޑެވެލޮޕްވެފައި. ޑޮކްޓަރު ވިދާޅުވީ ކުރެވޭނެ ކަމެއް ނެތޭ. ރާއްޖެއިން ބޭރުން ފަރުވާ ހޯދާށޭ. އެހެން ނަމަވެސް އަޅުގަނޑު ބޭރަށް ދާން އުޅުނުނަމަ ބައެއް ފަރާތްތަކުން ބުނާނެ ރައީސް ޔާމީން ފިލަނީއޭ“ ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ ޝަރީއަތް ނިމެންދެން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބަންދުގައި ބެހެއްޓުމަށްފަހު، މަސް ދުވަސް ފަހުން ބަންދުން ދޫކޮށްލުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.
އޭރު ބަންދުގައި ބެހެއްޓުމަށްފަހު، ގެއަށް ބަދަލު ކުރީވެސް ސިއްހީ ކަންތަކާއި ގުޅިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން، ސްޓްރެސް ފްރީ މާހައުލެއް ގާއިމްކޮށްދިނުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށެވެ. ސަރުކާރުން ގޭ ބަންދަށް ބަދަލު ކުރީވެސް މައިބަދައިގެ މައްސަލަތަކާއި ގުޅިގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ޑޮކްޓަރުން އިއްތިފާގު ވަނީ އޮޕަރޭޝަންއެއް ކުރުމަށް ކަމަށެވެ. އަދި އެ އޮޕަރޭޝަން ރާއްޖެއިން ބޭރުން ކުރެވެން ހުރިއިރު ހުރިހާ ޓެސްޓުތަކެއްގެ ނަތީޖާ މިހާރުވެސް ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މަނީ ލޯންޑްރިންގެ ދައުވާ އުފުލާ، ޝަރީއަތްތަށް ކުރިޔަށް ގެންދިޔައީ ފުލުފުލުން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ނުވަ މަސް ދުވަހުގެ ތެރޭގައި ހުކުމަކާއި ހަމައަށް އައިއިރު އެ މުއްދަތުގެ ތެރޭގައި ގަވައިދުން ޑޮކްޓަރަށް ދައްކަވާ ޓެސްޓުތައް ހައްދަވަމުން ގެންދެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހީ ހާލަތާއި ގުޅޭގޮތުން ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ، މިހާރުވެސް ޑޮކްޓަރަށް ދައްކަވަމުން ގެންދަވާތޯ ސުވާލު ކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެ ފުރުސަތެއް ނުލިބޭ ކަމަށެވެ. އެހާހިސާބުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވީ ކަފާލާތުގެ ދަށުން މިވަންވެއްޖެ ނަމަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަންތޯއެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ، ކަފާލާތުގެ ދަށުން ދޫކޮށްލައިފިނަމަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އަމަލު ކުރައްވާނީ ޝަރުއީ ކޯޓުގެ ހުއްދަލިބިގެންކަން ފާހަގަކުރެއްވިއެވެ.
ފަނޑިޔާރުންގެ ބެންޗު: އެހެންވީމަ، ބެއިލް ލިބިއްޖެ ނަމަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ކަމަށްތޯ ތި ވިދާޅުވަނީ.؟ ރައީސް ޔާމީން: ބެއިލް ގްރާންޓު ކުރިއްޔާ. އެހެން ނަމަވެސް ލިބެންޖެހޭ ހުއްދަތަކާއި އެކު ނޫނީ ނުދެވޭނެ ނޫންތޯ.
ރައީސް ޔާމީން ވަނީ، ޑޮކްޓަރުންގެ އިރުޝާދުތަކެއްވެސް އެންމެ އެދެވޭގޮތެއްގައި ފުރިހަމަ ނުވާކަމަށް ވިދާޅުވެފައެވެ. އަދި އީސީޖީ ރިޕޯޓުތަކުންވެސް ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން، ބޭސް ފަރުވާ ކުރެއްވުމަށް ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ އަބްދުﷲ ޝިޔާޒް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ކަމާއި ބެހޭ އިދާރާތަކަށް ރައީސް ޔާމީންގެ ސިއްހީ ރިޕޯޓު ހުށަހެޅިކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ އެކަހަލަ އެއްވެސް ލިޔެކިއުމެއް ޕީޖީއަށް ލިބިފައި ނުވާކަމަށެވެ.
ޝަރީއަތުން ވަނީ ރައީސް ޔާމީންގެ ބަލި ހާލަތާ ގުޅޭ ލިޔުންތައް ހުށަހެޅުއްވުމަށް ތިން ދުވަހުގެ މުއްދަތެއް ވަކީލުންނަށް ދެއްވާފައެވެ. ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވުމާ ގުޅޭ ގޮތުން ގޮތެއް ފަހުން ނިންމަވާނެ ކަމަށް ޝަރީއަތް ނިންމަވާލައްވަމުން ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ދެ ފަރާތަށް ވެސް ވަނީ ހޫނު ސުވާލުތަކެއް ރަށްދުކޮށްފައެވެ.

