ރައީސްކަމުގައި ހުންނަވައިގެން، މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ފަސް އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކުރުމާއި ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ އިސްތިިއުނާފް މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށާއި ދަށު ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށެވެ.
އަންގާރަ ދުވަހު މައްސަލައިގައި ފުރަތަމަ އަޑުއެހުން ބޭއްވިއިރު ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން މިވަން ނުކުރެވޭނެ ކަމަށެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން މިވަންކޮށްދިނުމަށް އެދޭ ސަބަބުތައް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާ ރައީސް ޔާމީންގެ ގާނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގެ ދަށުން ކަފާލާތުގެ ހައްގުތަކެއް އޮންނަ ކަމަށެވެ.
ޖަމީލު ވިދާޅުވީ އެ ހައްގުތަކުގެ ތެރޭގައި ހުކުމް އައުމުގެ ކުރިންނާއި، ހުކުމް އިއްވުމަށްފަހު އެ މީހާއަކީ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދެވޭނެ ކަމަށެވެ.
ކުށްވެރިވުމުގެ ކުރިން ކަފާލާތުގެ ދަށުން މިވަންކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެހެން ނަމެސް ކުށްވެރިވުމަށްފަހު ވެސް ކަފާލާތަށް އެދެވިދާނެ ކަމަށް ގާނޫނުގައި ބަޔާންކުރެވިފައި ނެތެވެ. އެކަމަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އެކަން ގާނޫނުގައި ބަޔާން ކުރެވިފައި ނެތް ކަމަށް ބުނެ ހައްގެ ނިގުޅައިނުގަނެވޭނެ ކަމަށެވެ.
ޑރ. ޖަމީލް ވަނީ އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ ބައެއް ގައުމުތަކުން އަމަލު ކުރަމުން އަންނަ އުސޫލެއްކަން ފާހަގަކުރައްވާފައެވެ. މިސާލު ނަންގަވާ އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމެއް އިއްވަވާ ޑރ. ޖަމީލް ވިދާޅުވީ ކަފާލާތުގެ ހައްގުދީފައިވަނީ މުތުލަގުކޮށް ކަމަށެވެ.
ޑރ. ޖަމީލްގެ ނުކުތާތަކަށް ރައްދު ދެއްވަމުން، ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ ކުށްވެރިންނަށް ކަފާލާތުގެ ދަށުން މިނިވަންކަން ނުލިބޭނެ ކަމަށެވެ. އަދި އެއީ ކުށްވެރިއެއްގެ އަސާސީ ހައްގެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޑރ. ޖަމީލް އިއްވެވި އިންޑިއާގެ ހުކުމަކީވެސް އެއީ އިސްތިއުނާފީ މަރުހަލާގެ ހުކުމެއް ނޫންކަން ސާފުވާކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެއީ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް އިއްވި ހުކުމެއްކަން ޖަމީލް އިއްވެވި، ހުކުމުގެ ތަންކޮޅުންވެސް ސާފުވާކަމަށެވެ.
ވަކީލު ވަނީ، ކުށްވެރިނަނަށް ކަފާލާތުގެ މިނިވަންކަން ލިބެންޖެހޭ ވާހަކަ ގާނޫނީ ނިޒާމުގެ ތެރޭގައި ވެސް ނުވާކަމަށެވެ. އަދި އެއީ އެއްވެސް ބަޔަކު އަސާސީ ހައްގެއްގެ ގޮތުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކުށްވެރިން ކަފާލާތުގެ ހާއްސަ ގާނޫނެއް ހަދައިގެން ކަމަށެވެ.
ޑރ. ޖަމީލްވަނީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ދަރިކަލުން ފާރިސް މައުމޫން، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ކުރީ ކަފާލާތުގެ ދަށުންކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ހައިކޯޓުން ކަނޑައެޅުން އެއީ ގާނޫނީ އުސޫލެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.
އެއަށްފަހު ޖަމީލު ވަނީ، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. އަދި ރައީސް ޔާމީންނަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ފިއްލަވަން ވެސް ނޫޅުއްވާކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް، އެއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ނިންމުމަކުން ނޫން ކަމަށެވެ.
މައްސަލައިގައި ދެ ފަރާތާއި ވެސް ގިނަ ސުވާލުތަކެއް އަމާޒުވެގެންދިޔައިރު ފަނޑިޔާރުންގެ ބެންޗުން ވަނީ، މަނީ ލޯންޑްރިން ގާނޫނާއި ގުޅޭގޮތުން ސުވާލުކޮށް އެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި ކުށް ސާބިތުވާ މީހާއަށް ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ކަނޑައެޅިފައިވޭތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ދައުލަތުން ބުނީ، އެގޮތަށް ބަޔާންކޮށްފައި ނުވާކަމަށެވެ.
ދެވަނަ ސުވާލު ދައުލަތާއި އަމާޒުކޮށް ފަނޑިޔާރުންގެ ބެންޗުން ވަނީ މީގެ ކުރިން ބައެއް ބޭފުޅުން ކަފާލާތުގެ ދަށުން މިނިވަންކޮށް، ހުކުމް ތަންފީޒު ކުރުން މަޑު ޖައްސަން އަމުރު ނެރުމުން އެކަން ރިވިއު ކުރުމަށް ހުށަހެޅިތޯ، ނުވަތަ އިސްތިއުނާފު ކުރިތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ދައުލަތުން ބުނީ އެކަން ޔަގީންކޮށް ދަންނަވާކަށް ނޭނގޭ ކަމަށެވެ.
ތިން ވަނަ ސުވާލަކަށް ދައުލަތާއި އަމާޒުކުރީ، ސުޕްރީމް ކޯޓުން ކުރިން ގާނޫނާ ޚިލާފަށް ނިންމި ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އެޅިއިރާއި، ސުޕްރީމް ކޯޓުގެ އިހުތިސޯސުން ބޭރުކޮށްފައިވާ ހުކުމަށް ފިޔަވަޅު އަޅާފައިވޭތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް، ދައުލަތުން ވަނީ އެކަމާއި މެދު ވަކި އެއްޗެއް ދަންނަވާކަަށް ނޭނގޭ ކަމަށް ބުނެފައެވެ.
ރައީސް ޔާމީންގެ މައްސަލައާއި، އެހެން މައްސަލަތަކާއި ތަފާތުކަމަށް ދައުލަތުން ބުނެފައިވާތީ ބެންޗުން ވަނީ ރައީސް ޔާމީނަކީ ”ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ދެކެނީ ތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެްސް ދައުލަތުން ބުނީ، އެކަމާއި މެދު ދައުލަތަށް އެއްޗެއް ނުބުނެވޭނެ ކަމަށެވެ. އަދި ވަކި މީހަކީ ނުރައްކާތެރި ކުށްވެރިއެއްތޯ ނުވަތަ ނޫންތޯ ބުނަން ނޭނގޭނެ ކަމަށެވެ.
ރައީސް ޔާމީނަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރަށް ކަމަށްވާތީ އެމނިކުފާނު ބަންދުގައި ހުރުމުން އެމަނިކުފާނާއި އެ ޕާޓީގެ ސިޔާސީ މަސައްކަތަށް ހުރަސް އެޅިފައިވާކަމަށް ވަކީލުން ވަނީ ބުނެފައެވެ. އަދި އިންތިހާބު ބޯމަތިވެފައިވާއިރު ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ނުކުރެވޭ ކަމަށެވެ.
އެކަމަށް ރަށްދު ދެއްވައި، ދައުލަތުގެ ވަކީލު ވިދާޅުވީ ސިޔާސީ ޕާޓީއަކީ އެއީ އެންމެ މީގެއް ނޫން ކަމަށެވެ. އަދި ކުށެއް ސާބިތުވުމަށްފަހު އެ މީހަކަށް ލީޑަރަކަށް ނުހުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކީ ވަކި މީހެއްގެ ވަށާ އެނބުރެ ސިސްޓަމްއެއް ނޫން ކަމަށް ވަކީލު ވިދާޅުވިއެވެ. އެހެންކަމުން ހަރުދަނާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޕީޕީއެމްއަށް އެއްވެސް ހުރަހެއް ނެތް ވަކީލު ވިދާޅުވިއެވެ.
ގިނަ ނުކުތާތަކެއް ފާހަގަ ކުރި މި ޝަރީއަތް ދޮޅު ގަޑިއިރަށް ދެމިގެން ދިޔައެވެ. ދެން އޮންނާނީ އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދެއްކުމެމެވެ. އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 80 އަށްވުރެ ގިނަ ނުކުތާ ވަނީ ހުށަހަޅާފައެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ ކަފާލާތާ މެދު ގޮތެއް ނިންމުމަށްފަހު އެވެ. ކަފާލާތާމެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. މިއަދުގެ އަޑުއެހުމަށް ޕީޕީއެމް، ޕީއެންސީ ލީޑާޝީޕްގެ ބޭފުޅުންނާއި ސަޕޯޓަރުން ވަނެވެ.

