ކޮރޯނާ ވައިރަސް މިހާތަނަށް ފެނިފައިވަނީ ޗައިނާ ހިމެނޭ ގޮތުން ޖުމްލަ ބާރަ ގައުމަކުންނެވެ.
ޗައިނާ ފިޔަވައި މިބަލިފެނިފައިވާ ގައުމުތަކުން މި ބަލި ޖެހިފައިވަނީ 37 މީހުންނަށެވެ. އެ 37 މީހުންނަކީ ޗައިނާއިން ބޭރުގައި އެބަލި ޖެހުނު މީހުންނެވެ. އޭގެ ތެރެއިން 36 މީހުންނަކީ ޗައިނާއަށް ޒިޔާރަތް ކޮށްފައިވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނެއެވެ. އޭގެ ތެރެއިން 34 މިހުންނަކީ ޗައިނާއިގެ ވޫހާން ސިޓީއަށް ދަތުރު ކޮށްފައިވާ މީހުންނެވެ.
އިއްޔެގެ ނިޔަލަށް މުޅި ދުނިޔެއިން 2798 މީހުންނަށް ވަނީ މިބަލިޖެހިފައެވެ. އޭގެ ތެރެއިން 2741 މީހުންނަށް މި ބަލިޖެހިފައިވަނީ ޗައިނާގައެވެ. މިބަލީގައި 461 މީހުންގެ ހާލު ބޮޑުވިއެވެ. މިބަލީގައި އިއްޔެއާ ހަމައަށް މަރުވެފައިވަނީ 80 މީހުންނެވެ.
މިބަލިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓާއި ގަންއިންޓަރނޭޝަނަލް އެއާޕޓުގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނިހޫނުމިން ހުރި މިންވަރު ދެނެގަތުމަށްޓަކައި ތާމަލް ކެމެރާ ވަނީ ބޭނުންކުރަން ފަށައިފައެވެ.
އެއިން ހުންހުރިކަން ދައްކާ ފަސިންޖަރުން ސްކްރީން ކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވައިފައެވެ. ބައްޔަށް ޝައްކުކުރެވޭ އަދި އަލާމާތްތައް ފެންނަ މީހުންނަށް ރައްކާތެރި ކަމާއެކު ފަރުވާ ދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފައެވެ. އެބަޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖަނަމަ އަމަލުކުރަންވީ ގައިޑުލައިން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ. އެ ގައިޑުލައިން ވަނީ އެއާޕޯޓުގައި މަސައްލަތްކުރާ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ރިސޯޓުތަކަށާއި ލޯކަލް ގެސްޓުހައުސްތަކަށާއި، ފަތުރުވެރިކަމާ ގުޅޭ އެހެނިހެންޖަމިއްޔާ ހަމާއަތްތަކަށް ވެސް އެ ގައިޑުލައިން ވަނީ ފޯރުކޮށްދީފައެވެ.
ކޮރޯނާ ވައިރަސްއަކީ އާންމު ގޮތެއްގައި ޖަނަވާރުންގެ ފުށުން ވާރުތަވާ، އެކި ކަހަލަ ބަލިޖައްސާ ވައިރަސްއެވެ. މި ވައިރަސްގެ ސަބަބުން ޖެހޭނީ ކޮން ބައްޔެއްކަން ނުވަތަ މައްސަލައެއްކަން ކަނޑައެޅިގެން ބުނާކަށް ނޭނގޭނެއެވެ. މިހާތަނަށް އިންސާނުންގެ ގައިން ހަތް ވައްތަރެއްގެ ކޮރޯނާ ވައިރަސް ފެނިފައި ވެއެވެ. އެންމެ ފަހުން، މި ވައިރަސް ފެނުނީ ޗައިނާއިންނެވެ. ޗައިނާއިން ފެނުނު މިވައްތަރުގެ އާ ވައިރަހުން ބޮޑަށް ބަލިޖައްސަނީ ނޭވާލާ ނިޒާމަށެވެ.
އިންސާނެއްގެ ގަޔަށް މި ވައިރަސް އަރައިފިނަމަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދެއެވެ. އެއަށް ފަހު ނިއުމޯނިއާ ބައްޔަށް ފަރުވާ ކުރަން ނަގާ އެންޓިބަޔޮޓިކް ބޭސްތަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. ކުޑަކުދިންނާއި، ދިފާއީ ނިޒާމް ބަލިކަށިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވައިރަސް ޖެހިއްޖެނަމަ ފުރާނަ އަށް ނުރައްކާވާކަހަލަ ހާލަތެއް މެދުވެރި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ގައިން ގަޔަށް އަރާ، މި ވައިރަސް ފެތުރުމަށް އެންމެ މަގުބޫލް ގޮތްތަކަކީ، ހަތަރުކަޅި ހަމަކުރުމާއި، ސަލާމްކުރުމާއި ކެއްސުން އަދި ކިނބިހި އެޅުމެވެ. މި ބައްޔަކީ، ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަމުން ސިއްހީ އެހީތެރިއެއްގެ އިރުޝާދާ އެއްގޮތަށް ފިޔަވައި ބަލިޖެހިފައިވާ މީހަކާ އެއްވެސް ހާލެއްގައި ގައިގޯޅި ނުވުން ބުއްދިވެރިއެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑަކުޓަރަކަށް ދެއްކުން މުހިންމެވެ.

