ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަ ހުއްޓާލި ނަމަވެސް ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އަދިވެސް އޮތީ ހުއްޓިފައި

Image: Google
ޝެއާރކޮށްލާ ކަހަލަދޯ؟
މާކެޓް އިންޓެލިޖެންސް ފާމް ”ކްލެޕްލާ“ ގެ ހިސާބުތަކުން ދައްކާގޮތުގައި، ބުދަ ދުވަހު މި ކަނޑުއޮޅިން ހުރަސްކުރީ އެންމެ ފަސް އުޅަނދެވެ. އޭގެ ކުރީ ދުވަހު 11 އުޅަނދު ހުރަސްކުރިއިރު، ބުރާސްފަތި ދުވަހު ދަތުރުކުރީ ހަތް އުޅަނދެވެ.ލޯއިޑްސް ލިސްޓް އިންޓެލިޖެންސްއިން ބުނާގޮތުގައި، ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން 325 ތެޔޮ ޓޭންކަރު ހިމެނޭހެން 600 އަށްވުރެ ގިނަ އުޅަނދު އަދިވެސް ވަނީ ގަލްފް ސަރަހައްދުގައި ތާށިވެފައެވެ.ކްލެޕްލާގެ ޓްރޭޑް ރިސްކް އެނަލިސްޓް އަނާ ސުބަސިކް ބުރާސްފަތި ދުވަހު ނެރުއްވި ދިރާސާއެއްގައި ވިދާޅުވީ، ބައެއް އުޅަނދުފަހަރުގެ ދަތުރުތައް އަލުން ފެށުނު ނަމަވެސް، ދަތުރުފަތުރުގެ މިންވަރު ވަރަށް މަދު ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އުޅަނދުފަހަރުގެ ވެރިން ތިބީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށާއި، ދުވާލަކު ގިނަވެގެން ހުރަސްކުރެވޭނީ 10 އަކާއި 15 އަކާ ދެމެދުގެ އަދަދެއްގެ އުޅަނދަށް ކަމަށް ބެލެވޭ ކަމަށެވެ.ފެބުރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން، ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅިން ދުވާލަކު 120 އާއި 140 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު ދަތުރުކުރެއެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ދެ ހަފުތާގެ މުއްދަތަށް އުޅަނދުފަހަރަށް ”ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު“ ދިނުމަށް އެއްބަސްވި ނަމަވެސް، އީރާނުން އެ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. ”ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުފަހަރަށް ދަތުރުކުރުމުގެ ފުރުސަތު ދިނުމުގައި އީރާނުން އަމަލުކުރަމުންދަނީ ވަރަށް ދަށު ދަރަޖައަކަށް. މިއީ އަހަރެމެން ވީ އެއްބަސްވުމެއް ނޫން،“ ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ވަނީ އެމެރިކާއިން އެއްބަސްވުމާ ޚިލާފުވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، އެމެރިކާއިން އިޚްތިޔާރުކުރަންވީ ހަނގުރާމަ ހުއްޓާލުން ނުވަތަ އެމެރިކާގެ ބައިވެރިޔާ މެދުވެރިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުން ކަމަށެވެ. ”ލުބުނާނުގައި ހިންގަމުންދާ ގަތުލުއާންމުތައް ދުނިޔެއަށް ފެނޭ. މިހާރު ހުރިހާ ކަމެއް އޮތީ އެމެރިކާގެ އަތްމަތީގައި. އެމީހުން ވީ އިލްތިޒާމްތަކަށް އަމަލުކުރޭތޯ ދުނިޔެ ބަލަން އެބައޮތް،“ އަރާގްޗީ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލިކަން އިޢުލާނުކުރުމާއެކު ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، ކަނޑުގެ ދަތުރުފަތުރު އަދިވެސް އޮތީ ހުއްޓިފައިކަން ބާޒާރަށް އެނގުމާއެކު އަގުތައް އަލުން ވަނީ އުފުލެން ފަށާފައެވެ.

ޔޫއޭއީގެ ދައުލަތުގެ ތެޔޮ ކުންފުނި ’އެޑްނޮކް’ގެ ސީއީއޯ ސުލްޠާން އަޙްމަދު އަލް ޖާބިރު ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ބަންދުވެފައި ކަމަށާއި، ދަތުރުކުރުމުގެ ފުރުސަތު އޮތީ އީރާނުގެ ކޮންޓްރޯލްގެ ދަށުގައި ޝަރުތުތަކަކާ އެކު ކަމަށެވެ. މިއީ މިނިވަންކަމާއެކު ދަތުރުފަތުރުކުރުން ނޫން ކަމަށާއި، މިއީ މަޖުބޫރުކުރުވުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ހުކުރު ދުވަހު ހުރީ 96.39 ޑޮލަރުގައެވެ. މިއީ ބުދަ ދުވަހު 95 ޑޮލަރަށްވުރެ ދަށަށް ދިޔުމަށްފަހު އަލުން އުފުލުނު އަދަދެކެވެ. އެހެންނަމަވެސް، ހަނގުރާމައަށް ހައްލެއް ލިބިދާނެ ކަމުގެ އުންމީދުގައި އެމެރިކާގެ ހިއްސާގެ ބާޒާރަށް ލިބުނު ކުރިއެރުމާއެކު، އޭޝިއާގެ ބޮޑެތި ހިއްސާގެ ބާޒާރުތައް ހުކުރު ދުވަހު ހުޅުވުނުއިރު އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: