ކޮރޯނާ ވައިރަަސް ޖެހިފައިވާ އިތުރު ތިން މީހަކު ސިންގަޕޯއިން ފެނިއްޖެ އެވެ.ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 56 އަހަރުގެ ދެ ފިރިހެނުންނާއި 56 އަހަރުގެ އަންހެނެއް ކަމަށެވެ.
މި އެންމެންނަކީ ވެސް ޗައިނާ އަށް ނިސްބަތްވާ މީހުން ކަމަށާއި އަދި މި މީހުންނަކީ ޗައިނާގެ ވޫހާން ސިޓީން ސިންގަޕޯ އަށް އައި މީހުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ވޫހާން އަކީ މި ބަލި އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ބޮޑަށް ފެތުރެމުން އަންނަ ސިޓީ އެވެ.
މި ތިން މީހުންނާއެކު ސިންގަޕޯއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.
މި ބަލީގައި މިހާތަނަށް ޗައިނާގެ 170 މީހުން މަރުވެފައިވާއިރު މި ބައްޔަށް މިހާތަނަށް ޗައިނާގެ 7811 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 1370 ހާލު ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
މިދިޔަ ހަފްތާއާ އަޅާ ބަލާއިރު މި ބަލީގައި މަރުވި މީހުން އަދި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި ބަލީގައި މިހާތަނަށް މަރުވެފައިވާ އެންމެން ވެސް ނިސްބަތްވަނީ ޗައިނާ އަށެވެ.

