ސަރުކާރުގެ އެންމެ ބޮޑު ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް)އަށް ސީއީއޯއެއް ހޯދަން، ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އިއުލާންކޮށްފި އެވެ.
ރައީސް ޞާލިހު ވެރިކަމާ ހަވާލުވި ފަހުން، މެނޭޖިން ޑިރެކްޓަރެއް ނުވަތަ ސީއީއޯއެއް ހަމަނުޖައްސާ އޮތް ހަމައެކަނި ސަރުކާރުގެ ބޮޑު ކުންފުންޏަކީ އެމްއޭސީއެލް އެވެ. އެތަން ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ޞާލިހުގެ ބޮޑުބޭބޭފުޅެވެ.
އެމްއޭސީއެލްއިން ކޮށްފައިވާ އިއުލާންގައި ވާ ގޮތުން ސީއީއޯގެ މަގާމަށް ހުށައަޅާ މީހެއްގެ ތަޖުރިބާ ވަރަށް ބޮޑުވާން ޖެހެ އެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަދުވެގެން 15 އަހަރު ހޭދަކޮށްފައިވުމަކީ އެއް ޝަރުތެވެ.
އެ މުއްދަތުގައި ސީނިއަ މެނޭޖްމެންޓް ލެވެލްގައި 10 އަހަރު، އަދި ”ސީ-ސޫޓް ލެވެލް“ ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ. ސީ-ސޫޓް ލެވެލް އަކީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)، ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ)ފަދަ، ކުރިއަށް ޗީފް އަންނަ މަގާމުތަކެވެ.
ތައުލީމީ ގޮތުން ޝަރުތެއް ކަމަށް ކަނޑައަޅާފައި ވަނީ އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމެވެ.
ސީއީއޯ ނަގަނީ ފުރަތަމަ ތިން އަހަރުގެ މުއްދަތަށެވެ. އެކަމަކު އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު ލިބެ އެވެ.

