ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ހުށަހެޅުނު ސީރިއަސް ޝަކުވާއަކާ ގުޅިގެން، އެ ރަށުގައި ބެހެއްޓި ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރެއްވި ގޮތުގައި، މީދޫގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކެނޑުމާއި ވޯޓު އަލުން ގުނުމުގެ މަސައްކަތް މިއަދު ހަވީރު 16:00 ގައި އިންތިހާބާ ބެހޭ މަރުކަޒުގައި ކުރިއަށްދާނެއެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާ ކުރިން ދައްކާފައިވާ ގޮތުން، މީދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމެވެ. އޭނާއަށް 393 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް، އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު، އީސީން ވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު އެއް ވޯޓު ބާތިލްކޮށްފައެވެ.
މި ވޯޓު ބާތިލްކުރީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް މީދޫގެ ހަތަރު މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު، އެ ހަތަރު މީހުންވެސް ވޯޓުލާފައިވާ ކަމަށް ރެކޯޑްތަކުން ދެއްކުމާ ގުޅިގެންނެވެ. އެމްޑީއޭއިން ބުނާ ގޮތުގައި އޭގެ ތެރެއިން އެކަކީ ވޯޓުލީ ދުވަހު މީދޫގައި ހުރި މީހެއް ކަމަށާއި، އޭނާ ވޯޓުލާން ފޮނަދޫއަށް ގޮސްފައި ނުވާ ކަމަށެވެ. މި ނިންމުމާއެކު މިހާރު ސުހާ އަދި ޝާހިދަށް ލިބިފައިވާ ވޯޓުގެ އަދަދު ވަނީ އެއްވަރުވެފައެވެ.
މީދޫ ކައުންސިލްގެ އެހެން ގޮނޑިތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ބާކީ ހުރި ދެ ގޮނޑިވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެގޮތުން އަންހެނުންނަށް ހާއްސަ ގޮނޑި މިސްކާ އަބްދުލްރަހްމާން ކާމިޔާބު ކުރިއިރު، ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބު ކުރެއްވީ ހުސެއިން ރަޝީދެވެ.
މީގެ އިތުރުން، މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު، އެއް ގޮނޑި ނެގީ އެމްޑީއޭ އިންނެވެ. ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ އަފާފް އިސްމާއިލެވެ. އަދި މެމްބަރުންގެ ގޮތުގައި ހޮވިވަޑައިގަތީ ޕީއެންސީގެ އައިޝަތު ޝުއާ މުހައްމަދާއި އެމްޑީއޭގެ ފާތުމަތު އަބްދުލް މުހްސިނެވެ.
މިހާރު އޮތް ހާލަތުން މީދޫ ކައުންސިލް ރައީސްގެ ގޮނޑީގެ ނަތީޖާ ކަށަވަރުވާނީ މިއަދު އޮންނަ ވޯޓު ގުނުމަށް ފަހުގައެވެ.

