ފިޝަރީސް މިނިސްޓްރީން ކުރިއަށްގެންދާ، މަސްވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމެއް ރ. ހުޅުދުއްފާރުގައި ފަށައިފިއެވެ.
ފެބްރުއަރީ 3 ގެ ނިޔަލަސް ކުރިަށްގެންދާ، މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ 17 އަންހެނުންނާއި 11 ފިރިހެނުންނެވެ. މިޕްރޮގްރާމްގައި ތިޔަރީ ބައިތަކާއި، ޢަމަލީ ބައިވެސް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގުރާމްގައި، މަސްވެރިކަމުގެ މިފަދަ ކުޑަ ވިޔަފާރިއެއް ހިންގާނެގޮތާއި، ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެވިޔަފާރީގެ ލިޔެކިޔުމާއި ހިސާބު ބެލެހެއްޓުން ފަދަ މުހިންމު މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެއްވާނެއެވެ. އޭގެ އިތުރުން، ވިޔަފާރީގެ އުސޫލުން ޖަމާޢަތެއްގެ ގޮތުގައި މިފަދަ ވިޔަފާރިއެއް ހިންގާނެގޮތާއި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ބެހޭގޮތުން މިޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ. މިޕްރޮގްރާމް ހިނގަމުންދަނީ ރ.ހުޅުދުއްފާރުގެ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައެވެ. މިޕްރޮގްރާމްގައި ތަމްރީނުދެއްވާނީ، މިނިސްޓްރީގެ ކަމާގުޅޭ ދާއިރާގެ ފަންނީ 2 އިންސްޓްރަކްޓަރުންނެވެ.
މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަހަރު އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގުމަށް ރޭވިފައިވާ މަސްވެރިކަމާގުޅޭ ތަމްރީނު ޕްރޮގްރާމުގެ ފެށުމެވެ.
މި ތަމްރީނު ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހިމެވެ.

