ދިވެހިރާއްޖޭގެ އިންޝުއަރެންސް އެސެޓް ޖުމުލަ 1.4 ބިލިއަން ރުފިޔާ އަށް، އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން ނެރެފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި މިހާރު ހިންގާ ފަސް އިންޝުއަރެންސް ކުންފުންޏާއި 40 އެޖެންޓުން އަދި 8 ބްރޯކަރު ކުންފުނީގެ ޖުމްލަ އެސެޓް ވަނީ 1.4 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.
މި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އިންޝުއަރެންސުގެ ގްރޮސް ޕްރިމިއަން ވަނީ 929.9 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ފަސް ޕަސެންޓުގެ އިތުރު އަދަދެކެވެ. އަދި މީގެ ތެރެއިން 616.6 މިލިއަން ރުފިޔާއަކީ ބޭރުގެ އިންޝުއަރެންސް ޕާޓްނަރުނަށް ދެއްކި ރީއިންޝުއަރެންސް ފައިދާ އެވެ. އަދި ގްރޮސް ކްލެއިމްގެ ގޮތުގައި ދެއްކި އަދަދަކީ އުޅެނީ 275 މިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެެމްއޭ އިން ބުނި ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުގެ ޖެނެރަލް އިންޝުއަރެންސް ވިޔަފާރީގެ ފައިދާ މިދިޔަ އަހަރު 12 ޕަސެންޓް އިތުރުވެ، 156.1 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

