ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުނުކަން އިއުލާން ކުރުމާއެކު، ދަނޑިވަޅުގެ ބޭނުން ހިފައި ބައެއް ވިޔަފާރިވެރިން ފޭސް މާސްކާއި ސެނިޓައިޒާގެ އަގު ބޮޑުކޮށްފިއެވެ.
އެގޮތުން ކުރިން ތިން ވަރަކަށް ރުފިޔާއަށް ލިބުނު މާސްކުގެ އަގު ވަނީ 10 ރުފިޔާއަށް ވުރެ ބޮޑުކޮށްފައެވެ. އަދި ސެނިޓައިޒާ ފުޅިއެއްގެ އަގު ގާތްގަނޑަކަށް 25 ރުފިޔާގައި އުޅުން ނަމަވެސް ރޭ ވިޔަފާރިވެރިން ވަނީ ކުޑަ ފުޅިއެއް 40 ރުފިޔާއަށް ވެސް ވިއްކާފަ އެވެ.
ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް އެކި ގައުމުތަކަށް ފެތުރެމުންދަނިކޮށް މި ބައްޔަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާކަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެއާއެކު ފެނިގެންދިޔައީ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން މާސްކާއި ސެނިޓައިޒާ ހޯދުމަށް އަވަސްވެ ގަތް މަންޒަރެވެ.
މިގޮތަށް ތަކެތި ލިބުން ދަތިވެ، އެތަކެއްޗަށް އާންމުންގެ ޑިމާންޑް ބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ވިޔަފާރިވެރިން ތަކެތީގެ އަގު އުފުލާ މަންޒަރު ފެނިގެންދެ އެވެ.
ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ހިލޭ މާސްކް ވެސް ދީފަ އެވެ. ނަމަވެސް ރާއްޖޭގައި މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ނާޒާއިޒު ގޮތުގައި ވިޔަފާރިއަށް މަންފާ ހޯދުމަށް މަސައްކަތް ކުރާ މަންޒަރު ފެނިގެންދާތީ ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

