މިއަދު ކުރިއަށް ދާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާ ކެނޑިޑޭޓުންނަކީ އަންނަ ކައުންސިލް އިންތިހާބުވެސް ކާމިޔާބު ކުރާނެ ފަރާތްތައް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވެސް ރައީސް، ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ވޯޓުލުމަށް ދަރުބާރުގެއަށް ވަޑައިގެން އެތަނުގައި ނޫސްވެރިންނަށް ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައިވެސް ބާއްވާ އެންމެ ގިނަ ބަޔަކު ވާދަކުރާ އިންތިހާބު ކަމަށާއި، މި އިންތިޚާބުގައި ހޮވޭ ކޮންމެ ކެނޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މި އިންތިޚާބު އެމްޑީޕީ އިން އިންތިޒާމްކޮށްފައި ވާނީ ވަރަށް ފުރިހަމަކޮށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
”ޕްރައިމަރީއަށްފަހު އެނގޭނެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލަށް އިންތިޚާބު ކުރާ ކެންޑިޑޭޓުން. އަޅުގަނޑުމެންގެ ހިތުގައި އެއްވެސް ޝައްކެއްނެތް، އެ ކެންޑިޑޭޓުންނަކީ އިންތިޚާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓުން ކަމާމެދު“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި އިންތިޚާބަށް ތާއްޔާރުވެފައިވާ މިންވަރާއި މެދު ހިތްހަމަ ޖެހިވަޑައިގެން ހުންނެވި ވަރަށް ވުރެ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވެގެން އެމްޑީޕީ އިން ތިބި މިންވަރާއި މެދު މާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެނޑިޑޭޓުންނަށް ހާއްސަކޮށްގެން ބޭއްވި އިންތިޚާބާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

