ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ޢަދަދު މިއަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާރޗްމަހު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އާންމު ރޯގާގެ ކޭސްތައް މަދުވި ނަމަވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި ކޭސްތައް ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ޖުމްލަ 25,010 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މާރޗް މަހު އެ އަދަދު ވަނީ 20,761 އަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް ދަށް އަދަދެއްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. މީގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދުވެސް ވަނީ ފެބްރުއަރީ މަހުގެ 8,629 ކޭސްއިން މާރިޗު މަހު 4,441 ކޭސްއަށް ދަށްވެފައެވެ.
ޑެންގީ ކޭސްތައް އިތުރުވުން
އާންމު ރޯގާތައް މަދުވި ނަމަވެސް، ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ފެބްރުއަރީ މަހު 428 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރިއިރު، މާރޗް މަހު އެ އަދަދު ވަނީ 535 އަށް މަތިވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި 60 އާއި 77 އާ ދެމެދުގެ އަދަދުތަކާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
އިންފުލުއެންޒާގެ ހާލަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރި 1,030 ސާމްޕަލްގެ ތެރެއިން 112 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު މަދުކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޑެންގީ ހުންޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

