ދައުރުގެ މެދުތެރޭގައި އައި ބޮޑު އިންތިހާބެއްގައި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ހާމަވުމުން ވެސް، ޕީއެންސީގެ މަޖިލިސް މެމްބަރުން މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކައި ތާއީދު އޮތްކަމަށް ދައްކަންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ދުވަސްތަކަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިޔަށް ގެންދިޔައިރު އެޖެންޑާގައި ވަނީ، މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ބިމާ ބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ. މި ބަހުސްގައި ޕީއެންސީގެ މެމްބަރުން ވާހަކަ ދެއްކެވި އިރު، ވަނީ އިންތިހާބުގައި ސަރުކާރަށް ލިބުނީ ދަށް ނަތީޖާއެއްކަމަށް ދެއްކުމަށް އެމްޑީޕީ މަސައްކަތް ކުރަމުންދާކަމަށް ބުނެ އެކަމަށް ރައްދު ދީފައެވެ. އަދި ރިފެރެންޑަމް ވޯޓުން ސަރުކާރަށް ތާއީދު އޮތް ތޯ ނުވަތަ ނޫންތޯ ހާމަވާ ނަތީޖާއެއް ނޫންކަމަށް ވިދާޅުވި އެވެ.
ބިލުގެ ބަހުސްގައި، މީކާއިލް އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ޕީއެންސީގެ މެމްބަރުން މި ބިލަށް ވާހަކަ ނުދައްކަވާ ސަބަބާއި މެދު އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ދިފާއު ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ.
މީކާއިލް ވިދާޅުވީ، މުހިންމު ބިލްތަކުގެ ބަހުސްގައި ފެންނަނީ ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުގެ ބަދަލުގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސިޔާސަތުތަކެއް ދިފާއުކުރުމަށް ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.
މީކާއިލް ވިދާޅުވި ގޮތުގައި، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހުބުތަކުން ފެނިގެންދިޔައީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ”ނޫނެކޭ“ ބުނެފައިވާ ތަނެވެ. އިންތިހާބެއްގައި ރައްޔިތުންގެ ތެރެއިން ނިކުމެ، 70 އިންސައްތަ ސަރުކާރުން ހުށަހެޅި ރެފަރެންޑަމަކަށް އެއް އަޑުހުން ދެކޮޅު ހަދައި ނިންމި ބޮޑު ނިންމުން އޮތީ ފެންނާންކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ގާނޫނުއަސާސީއާއި ދުސްތޫރަށް ސަރުކާރުން ދެމުންދާ ހަމަލާތަކަށް ރައްޔިތުން ވަނީ އިންތިހާބުގައި ސާފު ޖަވާބެއް ދީފައި ކަމަށެވެ.
މީގެއިތުރުން މީކާއިލް ވިދާޅުވީ، މާލެއަށް ނިސްބަތްވާ މެމްބަރުން މާލޭގެ ރައްޔިތުންގެ ފަރާތުން ވާހަކަދައްކަވާއިރު، އަމިއްލަ ދާއިރާވެސް ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބެއްގައި 70 ޕަސެންޓް ރައްޔިތުން. 70 ޕަސެންޓް ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ރެފަރެންޑަމަކަށް ނޫނެކޭ ބުނީމަ އެއޮތީ ނޫނެކޭ ބުނެފަ. އެހެންވީމަ އެކަން ހަޖަމުކޮށް އެކަން ގަބޫލުކޮށް ދެން ސިޔާސަތުތައް ބަދަލުކުރުން އެއީ ސަރުކާރުގެ އަތުގައި އޮތް ކަމަކީ. ސަރުކާރު ނިސްބަތްވާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮތް ކަމަކީ. މާލެއަށް ނިސްބަތްވާ މެންބަރަކު މިތާ މާލޭގެ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ބަސް ވިދާޅުވަމުން ދާއިރު އެ މަނިކުފާނުގެ ދާއިރާ ނުނެގުނޭ.. ދާއިރާ ނުނެގުނޭ. ކޮބާތޯ މެންޑޭޓް؟ ކޮބާތޯ މެންޑޭޓް؟ މިޑްޓާރމް އިލެކްޝަނެއްގައި ރައްޔިތުން މިވަނީ އެ ބޭފުޅުން އަތުން މެންޑޭޓް އަތުލާފައި. އެއީ މިހާތަނަށް އަމަލު ކުރެވިފައިވާ ގޮތުން، ސިޔާސަތުތައް ބައްޓަން ކުރެވިފައިވާ ގޮތުން، ސަރުކާރު ހިންގެވި ގޮތުން.
މީކާއިލްގެ ވާހަކައިގައި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ސިފަކުރެއްވީ ”ސަރުކާރުގެ ޕަޕެޓުން“ ގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައިގެން، ސަރުކާރުގެ ދިފާއުގައި އެކަނި މަސައްކަތް ކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ވެސް އެންމެ ރަނގަޅު ގޮތަކީ، ރައްޔިތުންގެ ހައްގުތަކާއި ގުޅޭ އަސާސީ ބިލުތައް ހުށަހެޅިގެންދާއިރު އެކަމަށް ފަރުވާތެރިވެ ބަހުސް ކުރުންކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި، ސަރުކާރުގެ ގޯސްތައް ދިފާއު ކުރާނަމަ ކުރިން ލިބުނު މިންވަރާއި ގާތަށް ދެން އިންތިހާބެއްގައި ވޯޓެއް ނުލިބޭނެކަމަށެވެ.

