ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކުޑަކުޑަ މޮޅަކާއެކު އިދިކޮޅު އެމްޑީޕީން ބޮޑާކަމާއި ކިބުރުވެރިކަން ދައްކަމުންދާ ކަމަށާއި، ނަމަވެސް އެއީ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ބޭއްވި ރިފަރެންޑަމް ވޯޓެއް ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިމާބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން ކައުންސިލް އިންތިހާބުގައި ބައެއް ގޮނޑިތައް ކާމިޔާބު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ”ނޫނެކޭ“ ބުނުން ނޫން ކަމަށެވެ.
ފަލާހު ވިދާޅުވީ ވޯޓު ކަރުދާހުގައި ރައްޔިތުން ރައީސް މުއިއްޒަށް ތާއީދުކުރަންތޯ ނުވަތަ ނޫންތޯ ސުވާލުކޮށްފައި ނޯންނާނެކަމަށެވެ. އެއީ ސަރުކާރުގެ ތާއީދު މިނެކިރާ ވޯޓެއް ނޫންކަމަށާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ ވޯޓަކީ ނިޒާމީ ބަދަލަކާއި މެދު ދެކޭ ގޮތް ބެލުންކަމަށް ފަލާހު ވިދާޅުވި އެވެ.
ދެން އަޑަށް ބާރުލާފަ މިދައްކަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބު ވާހަކަ. ލޯކަލް ކައުންސިލް އިންތިހާބު މިތަނުގަ އެމްޑީޕީ ބޭފުޅުން ތެދުވެފަ ހިސާބުން ދައްކާދީ ކޮންބައަކަށްތޯ ކާމިޔާބު ލިބުނީ… އެ އިންތިހާބުގަ އެންމެ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރީ ކޮން ބައެއް؟ ޕީއެންސީ.. އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓު ދިނީ ކޮން ޕާޓީއަކަށް؟ ޕީއެންސީއަށް. މިއަކާ ދެކޮޅެއް ނުހެދޭނެ އެމްޑީޕީއަށް.. ދެން ކޮން ކާމިޔާބެއްގެ ވާހަކަތޯ މިދައްކަނީ؟ މުސްކުޅިން ބުނެ އުޅޭނެ މީ ދޫންޏެއް ނުފެންނަ މީހަކަށް ކާޅު ފެނުނަސް އެއީ ދޫންޏެކޭ ހީވާނޭ. އެގޮތަށް ކަންނޭނގެ އެމްޑީޕީއަށް ވެގެން މި އުޅެނީ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެހެންކަމުން އެމްޑީޕީން މިއީ އެ ޕާޓީއަށް ލިބުނު ބޮޑު މޮޅެއްކަމަށް ބުނެ ވާހަކަ ދެއްކުމަކީ ”ދޫންޏެއް ނުފެންނަ މީހަކަށް ކާޅު ފެނުނަސް އެއީ ދޫންޏެކޭ ހީވުން“ ކަހަލަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކުޑޫ ހުށަހެޅުއްވި އިސްލާހަށް ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ގާނޫނުތަކަށް ކުދިކުދި ބަދަލު ގެނެސްގެން މުޅި ނިޒާމު ހަރާބުކުރުން ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ގާނޫނާ ހިލާފަށް، ނުހިއްކާ އޮތް ކަނޑު ފަޅުތަކުން ރަޖިސްޓްރީ ހަދައިދީ ގޯތި ދޫކޮށްފައިވާކަމަށާއި، އެއީ ރައްޔިތުންނަށް ކުރި މަލާމާތެއްކަމަށް އޭނާ ވިދާޅުވިއެވެ.

