އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ، އޭގެ އަނެއް ދުވަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ސައުޝަން އެވެ.
ސައުޝަން ވިދާޅުވީ، މިދިޔަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ބައެއް ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާތީ، އެ ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ 18 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ. ވޯޓުލާ ނިމުމުން ވަގުތީ ނަތީޖާ ފޮށިތައް ކައިރީގައި އިއުލާން ކުރާނެ ކަމަށާއި، ރަސްމީ ނަތީޖާ އިއުލާން ކުރާނީ އޭޕްރީލް 19 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބު ބާއްވާ ދާއިރާތައް
ލޯކަލް ކައުންސިލް އިންތިހާބުގެ އަންހެނުންގެ ގޮނޑިތަކަށް އަލުން ވޯޓުލުން ބާއްވަނީ ބ. ދޮންފަނު އަދި ފުވައްމުލަކު ސިޓީ ދަނޑިމަގު ދާއިރާގައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ދާއިރާއަކުން ވޯޓުލުން ބާއްވައެވެ. އެއީ ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށެވެ.
ރަޖިސްޓްރޭޝަނާއި އޮބްޒާވަރުން
އިންތިހާބުގެ ވޯޓާސް ލިސްޓު މި މަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާއިރު، ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މިހާރު ވަނީ ހަމަވެފައެވެ. ސައުޝަން ވިދާޅުވި ގޮތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މިހާރު ތިބޭނީ މާލެއަށް ރަޖިސްޓަރީ ކުރެވިފައެވެ. އަދި އިންތިހާބު ބާއްވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ރަޖިސްޓަރީވެފައި ތިބި މީހުން މިހާރު ވަނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ.
މި ބުރުގައި އޮބްޒާވަރުންނާއި މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު މި މަހުގެ 12 އިން 16 އަށް ވަނީ ހުޅުވާލާފައެވެ. ”ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތަކުން ވެސް މި ބުރަށް އަލުން އެޕްލައިކުރަން ޖެހޭނެ،“ ސައުޝަން ވިދާޅުވިއެވެ. މި ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން މިހާރު ވަނީ އިއުލާންކޮށްފައެވެ.

