އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ”އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު“ ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި ޖަލްސާތަކުގެ މައިގަނޑު ބޭނުމަކީ ވިނަރެސްގެ އެއްމެދު އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން ފަސޭހަ ކުރުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި، އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިހާބުކުރުމެވެ.
ކައުންސިލްގެ އޮނިގަނޑާއި ޒިންމާތައް
ކޮންމެ ސްޓްރާޓާއަކުން ވަކިން އިންތިހާބުކުރާ މި ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އެއް އާންމު މެންބަރެވެ. އިންތިހާބުކުރެވޭ މެނޭޖްމަންޓް ކޯޕަރޭޝަންގެ ކައުންސިލާ، އެ ސްޓްރާޓާއެއްގައި ހިމެނޭ އިމާރާތްތައް ބެލެހެއްޓުމުގެ ހުރިހާ ޒިންމާތަކެއް ހަވާލުކުރެވޭނެއެވެ.
މި ޖަލްސާތަކުގައި ޔުނިޓުތަކުގެ ވެރިންގެ އިތުރުން އެޗްޑީސީ އަދި ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ބައިވެރިވާނެއެވެ. ފުރަތަމަ އަހަރީ ޖަލްސާއަށްފަހު، ކޮންމެ އަހަރަކު އެއްފަހަރު ޖަލްސާ ބޭއްވުމަކީ ގާނޫނުން ލާޒިމްކުރާ ކަމަކަށްވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ޖަލްސާ ބޭއްވުމަކީ އިންތިހާބުވާ ކައުންސިލްގެ ޒިންމާއެކެވެ.
ވިނަރެސް ސްޓްރާޓާތައް ބެހިފައިވާ ގޮތް
ވިނަރެސްގައި ހިމެނޭ ޓަވަރުތައް ބެހިފައިވަނީ ތިން ސްޓްރާޓާއަކަށެވެ:
- ސްޓްރާޓާ 1: ޓަވަރު 1 އިން 4 (564 ރެސިޑެންޝަލް ޔުނިޓް)
- ސްޓްރާޓާ 2: ޓަވަރު 5 އިން 8 (492 ރެސިޑެންޝަލް ޔުނިޓް)
- ސްޓްރާޓާ 3: ޓަވަރު 9 އަދި 10 (288 ރެސިޑެންޝަލް ޔުނިޓް)
އެޗްޑީސީން ބުނީ ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު، ހުޅުމާލޭގެ އިތުރު އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓު ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެ ކަމަށެވެ. މިއީ އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

