ނިމިދިޔަ އިންތިހާބުގައި ވޯޓު ލިބުނު ނިސްބަތަށް ބަލާއިރު ސަރުކާރު ބަލިވި ކަމަށް ބުނެވޭކަށް ނެތް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ސަރުކާރު ބަލިވީ ކަމަށް ބުނި ނަމަވެސް، ވޯޓުގެ ހިސާބުތަކުން އެކަން އެގޮތަށް ސާފުނުވާ ކަމަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ބޭރުފުށުން އެކުވެރިކަން ދެއްކި ނަމަވެސް، އެއީ ހަގީގީ އެކުވެރިކަމެއް ނޫނެވެ.
ރާއްޖޭގައި ޕާޓީއެއް ވެރިކަމުގައި އޮންނަ އިރު، އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރު ބަލިކަށިކޮށް ނިކަމެތި ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އިންތިހާބުން އުންމީދުކުރި ނަތީޖާ ނުލިބުނު ނަމަވެސް، މިއީ ކަންކަން ރަނގަޅުކޮށް ކުރިއެރުވުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި އިންތިހާބުގައި ނެގުނު ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ ރައްޔިތުންގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ ރައްޔިތުންގެ ފޯކަސް ގެއްލިގެން ދިޔަ ކަމަށެވެ. އަދި އެމްޑީޕީން ރިފަރެންޑަމްގެ ހިޔާލު ރައްޔިތުންނަށް އޮޅޭ ގޮތަށް ކިޔައިދީ، އޭގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މި އިންތިހާބު ވެގެންދިޔައީ ”މާވަހަރެއް ލިބުނު ފަދަ“ ކަމަކަށް ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ސަރުކާރަށް ސުޕަމެޖޯރިޓީ އޮތް ނަމަވެސް ރިފަރެންޑަމްއެއް ނެގުމުން ދޭހަވަނީ ރައްޔިތުންގެ ބަސް އަހައިގެން ކަންކަން ނިންމަން ސަރުކާރުން ބޭނުންވާ މިންވަރު ކަމަށެވެ.
”ހުދުމުހުތާރުކަމެއް އޮވެގެން ބާރުގައި ވެރިކަމުގައި ދެމިތިބުމަށް ބޭނުންވާނަމަ މިވަރުކަމެއް ކުރަން ހިތަށް ވެސް ނާރުވާނެ“
ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނި ނަމަވެސް، އެ ބޭފުޅުންގެ އެއްވެސް ވެރިކަމެއްގައި ރައްޔިތުންގެ ކިބައިން މިފަދަ ހިޔާލެއް ހޯދާފައި ނުވާ ކަމަށެވެ. އަދި މި ވޯޓަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެމުންދިޔަ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

