މާލޭގެ ހުޅަނގު ފަރާތުގައި ހުންނަ ސުނާމީ ބިނާ މައިޒާން ބޮޑެތި ބަދަލުތަކަކާއެކު އަލުން ތަރައްޤީކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢަކީ މާލޭގެ ހިތްފަސޭހަ މައިދާންތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ނިންމާލި މުހިންމު މަސައްކަތެކެވެ.
ސުނާމީ ބިނާ މަރާމާތުކޮށް އަލުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
އެގޮތުން، ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެ ސަރަޙައްދުގެ 75 މީޓަރުގެ ޝީޓް ޕައިލް ވަނީ އަލުން ޖަހާފައެވެ. މީގެ އިތުރުން ކީވޯލް މަރާމާތުކޮށް، ކުޑަކުދިންނާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ފެންސްވެސް ވަނީ ޖަހާފައެވެ.
މައިޒާނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ސުނާމީ ބިނާ މޮނިއުމަންޓް، އެ މައިޒާނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ޕާކުގެ ތެރޭގައި ހިނގާބިނގާވެ އުޅުމަށް ވޯކްވޭތައް ހަދައި، ގިނަ އަދަދެއްގެ ގަސް އިންދައި، އިށީނދެލައިގެން ތިބޭނެ ފަސޭހަ އިންތިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.
މާލޭގައި ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ބޭނުންކުރާ ތަންތަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން، ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. އަދި ބޮޑެތި މަރާމާތުތަކެއް ކުރުމަށްޓަކައި ރަސްފަންނުވެސް މިވަގުތު އޮތީ ބަންދުކޮށްފައެވެ.

