ދިވެހިރާއްޖޭގެ އެކިއެކި ކޯޓުތަކުގައި ޝަރީޢަތްތައް ލަސްވަމުންދާ ސަބަބު ހޯދައި އެކަން ދެނެގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ކޯޓުތަކުގައި މަޑުޖެހި، ގިނަ އަދަދަކަށް މައްސަލަތައް ލަސްވާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. މި މައްސަލަތައް އަވަސްކުރަން ފިޔަވަޅު އެޅުމަށް، ޝަރީއަތުގެ އަޑުއެހުން ލަސްވެފައިވާ މައްސަލަތައް ދެނެގަންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި ޝަރީއަތުގެ އަޑު އެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ މައްސަލަތައް އެ ކޮމިޝަނަށް ފޮނުވައިދޭން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދުމަށް މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.
ކޯޓުތަކުގައި މައްސަލަތައް ނުނިމި ފުނިޖެހިފައިވާ ކަމުގެ ޝަކުވާ މި ބޮޑުވީ ދެ އަހަރު ނުފުރޭ ކުއްޖަކަށް އާއިލާގެ ތެރެއިން ޖިންސީގޯނާގެ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން ފެންމަތިވި އެހެން ގިނަ މައްސަލަތަކުގައި މުއައްސަސާތަކުން ވެފައިވާ އިހުމާލުގެ މައްސަލަަތައް ފަޅާއެރުމުންނެވެ. ޚާއްސަކޮށް ޖިންސީގޯނާގެ މައްސަލަތަކުގައި ތަހުގީގު ލަސްވުމާއި ދައުވާ އުފުލުމުން ކޯޓުތަކުގައި މައްސަލަ ލަސްވާ ކަމުގެ ކަންބޮޑުވުން އޮތީ އިންތިހާގަ އެވެ.

