ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ކަނޑައެޅިގެން ޚިލާފަށް ސަރުކާރުން އަމަލުކުރަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި އެކި ޤާނޫނުތަކާއި، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ކަނޑައެޅިގެން ޚިލާފަށް ސަރުކާރުން އަމަލުކުރަމުންދާކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ކުޑޫ ހުށަހެޅި ގަރާރުގައި ބުނީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި، މަޖިލީހުގެ ހުއްދަ ލިބިގެން މެނުވީ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ހަރަދު ނުކުރެވޭނެކަމަށާއި، ބަޖެޓުގައި ކަނޑައެޅިފައިވާ ކަންކަމަށް ނޫނީ ފައިސާ ހަރަދު ނުކުރެވޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމާ ސަރުކާރުން ހިލާފުވަމުންދާ ކަމަށެވެ.
މީގެ އިތުރުން މާލިއްޔަތު ގާނޫނާއި، ފިސްކަލް ޒިންމާގެ ގާނޫނާ ހިލާފަށް ދައުލަތުގެ ފައިސާއާއި މުދަލަށް ސަރުކާރުން އަމަލުކުރަމުންދާކަމަށް ބުނެފައި ވެއެވެ.
ގަރާރުގައި ދިވެހިރާއްޖޭގެ ޕެންޝަން ފަންޑާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުކޮށް ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ. އެގޮތުން ޕެންޝަނާ ބެހޭ ގާނޫނާ ހިލާފަށް، އަދި ފިސްކަލް ޒިންމާގެ ގާނޫނުން ކަނޑައަޅާފައިވާ ދަރަނި ނެގުމުގެ އުސޫލުތައް އެއްފަރާތްކޮށް، ޕެންޝަން ފަންޑު މެދުވެރިކޮށް ނާޖާއިޒު މުއާމަލާތްތަކެއް ހިންގައިގެން ސަރުކާރަށް ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރި އެވެ. މިއީ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކޮށް ގަރާރުގައި ބުނެފައި ވަނީ މިކަމަށް ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރމަނާއި، ސީއީއޯ އާއި، ސީއޯއޯ އަދި ސީއެފްއޯ ގެ އިތުރުން އިތުރު ބޯޑު މެންބަރުންތަކެއް އިސްތިއުފާ ދެއްވާފައިވުން ކަމުގެ ސީރިއަސްކަން ހާމަވާ ކަމަށެވެ.
ގަރާރުގައި ފާހަގަކުރި ގޮތުގައި، ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ރައްޔިތުން ފަހަށް ރައްކާކޮށްފައިވާ ފައިސާ ގެއްލި، މުޅި މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލިގެންދާނެއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު މައްޗަށް ގޮސް، އާންމު މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލި ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބުންޏެވެ.
މި ސަބަބުތަކާއި ހުރެ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބަކަށް ވީހިނދު، ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ކުރަމުންދާ މިފަދަ ކަންކަން ހުއްޓުވުމަށް މަޖިލީހުން ފިޔަވަޅު އަޅަންޖެހޭކަމަށް ގަރާރުގައި ވެއެވެ.

