ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ ހިލަ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބައެއް މަސައްކަތްތައް މަޑުޖެހިފައިވާކަމަށް މިނިސްޓަރ އޮފް ފިޒިކަލް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މުއްތަލިބާއި ސުވާލު ކުރުން އެޖެންޑާގައި އޮތް އިރު މެމްބަރުން ވަނީ ދާއިރާތަކުގެ ބައެއް ޕްރޮޖެކްޓުތައް ހުއްޓިފައި ވާތީ އެކަމަށް ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. ހިލަ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ޕްރޮޖެކްޓުތަކަށް ދަތިވަމުންދާކަމަށް މުއްތަލިބު ވިދާޅުވީ، ނ. ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ނ. ފޮއްދޫގެ މަސައްކަތްތައް ހުއްޓިފައި ވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އާންމުކޮށް ރާއްޖެއަށް ހިލަ އެތެރެކުރާ މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ޔޫއޭއީއިން ހިލަ ގެނައުމުގައި ދަތިތަކެއް ކުރިމަތިވުމެވެ. މިކަމުގެ ސަބަބުން ނ. ފޮއްދޫ ބަނދަރުގެ މަސައްކަތް ހިމެނޭހެން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ބޮޑުހިލަ ޖެހުމުގެ މަޝްރޫއުތަކަށް އަސަރުކޮށްފައިވާކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ހިލަ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާއިން ހިލަ ގެނެވޭނެ އުސޫލެއް ކަނޑައެޅުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.
ފޮއްދޫގެ ބަނދަރު ތި ވިދާޅުވިގޮތަށް ބޮޑު ހިލައާ އެއްކޮށް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވި. ފޮއްދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދިޔައީސް އަޅުގަނޑުމެންނަށް ހާއްސަކޮށް މިހާރު މެދުއިރުމަތީ ދިމާވެގެން އުޅެ މައްސަލައާއި އެކު.. އާންމުކޮށް ރާއްޖެއަށް ހިލަ ގެންނަނީ މެދުއިރުމަތިން، ޔޫއޭއީއިން. އެހެންވީމާ ޔޫއޭއީއިން ހިލަ ގެނައުމުގަ ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފަ އޮތީ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިންޑިއާއިން ނަމަވެސް އެ ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ހިލަ ނުލިބިގެން ހިލައިގެ ދަތިކަމާއެކު ބައެއް މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި. އެހެންވީމަ އެކަމަށް ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މިގެންދަނީ.
ހިލަ ލިބުމުގައި ދަތިތައް ދިމާވެ، ބައެއް ޕްރޮޖެކްޓުތައް މަޑުޖެހިފައިވާކަމަށް މުއްތަލިބު ހާމަކުރެއްވި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ސިމެންތިއާއި، ހިލަ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައި ވެއެވެ.

