ގއ ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރުރުމުގެ މައްސަލަ މިދިޔަ އަހަރު ފެންމަތިވެފައިވާއިރު އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ، ޢަދުލު އިންޞާފު އަރައި ހަމަނުކުރުން ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރިޔާސާ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރވުމުގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދަޢުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީަރުޢީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަަމށެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިމަހު 20 ގައި ޢަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަން ރައީސް ފާހަނގަ ކުރެއްވިއެވެ.
ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ފާހނަގަ ކުރައްވައި ރައީސް ވިދާޅުވީ ކުޑަކުދިރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ، މިހާރު ތަޞްދީޤުކޮށްފައި އޮތް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ. އެގޮތުން އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެކަން ރައީސް ފާހަނގަ ކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީިއަދު، ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ އުފާވެރި އިޙްސާސަކީ، ހަމަޖެހުމާއި ޞުލްޙަވެރިކަން އެންމެންގެ ތެރެއަށް އަލުން އަނބުރާ އަންނަން ފެށުމުގެ އިޙްސާސް ކަމަށެވެ. އެގޮތުން ނިމިގެން ދިޔަ 2019 ވަނަ އަހަރަކީ، އެންމެން އެކުގައި ފެށި ޑިމޮކްރެސީގެ ދަތުރުގައި ކާމިޔާބު އަހަރެއްކަން ރައީސް ފާހަނގަ ކުރެއްވިއެވެ.
އެމަނިކުފާން ވިދާޅުވީ ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރަށާއި އެމަނިކުފާނަށް ލިބުނު އެންމެ މުހިންމު ބައިވެރިއަކީ، މިހާރު އޮތް ޢިއްޒަތްތެރި މަޖިލިސް ކަމަށެވެ. އެގޮތުން ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް، މަޖިލީހުގެ ތެރެއިން ގެނެވުމަކީ، މިއަދު މި ދެކޭ އިޖްތިމާޢީ ޞުލްޙަވެރިކަމުގެ ޙަޤީޤީ ސިއްރު ކަަމށް ރައީސް ވިދާޅުވިއެވެ.

