ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއި އެކު އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރައްވައިފިއެވެ.
ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވެވުމަށް ފެއްޓެވުމާއެކު ފެނިގެންދިޔައީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ޕޯސްޓަރުތަކެއް ހިއްޕަވައިގެން ރައީސް ޞާލިހުގެ ކުރިފުޅުމައްޗަށް ވަޑައިގެންނެވިތަނެވެ.
ޝިޔާމަށްފަހު އިތުރު މެމްބަރުން ކޮޅެއް ވަޑައިގެން ހަމަހިމޭންކަމާއި އެކު ޕޯސްޓަރުތަކެއް ހިތްޕަވައިގެން އިހުތިޖާޖް ކުރެއްވިއެވެ. އެ ޕޯސްޓަރުތަކުގައި ލިޔެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށެވެ.
ރައީސް ޞާލިހްގެ ރިޔާސީ ބަޔާން ނިމެންދެން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ފަސް މެންބަރަކު ވަނީ އިހުތިޖާޖް ކުރައްވާފައެވެ. ނަމަވެސް އެއްވެސް ބޭފުޅަކު އަޑުގަދަކުރައްވާ، ރައީސްގެ ވާހަކަފުޅަށް ހުރަސް އަޅުއްވާފައެއް ނުވެއެވެ.
ޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ހުންނެވީ ރައީސްގެ ފޮޓޯފުޅު ނުފެންނަ ގޮތައް އެމަނިކުފާނުގެ ސީދާ ކުރިފުޅުމަތީގައި ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.
ދެހާސް ބާރަ އަހަރުގެ ރައީސް ނަޝީދު ވެރިކަން ބަދަލުކުރި ހިސާބުން މަޖިލީހުގެ ޖަލްސާތައް ހުޅުވާ ދުވަހު ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފައި ވެއެވެ.
ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން އޮތް ދުވަހު ބަޔާން ނީއްވެވިގެން 12 ގަޑިއިރަށްފަހު މަޖިލިސް ޖަލްސާ ކެންސަލް ކުރަން ޖެހުނެވެ.
ވަހީދުގެ ވެރިކަމުގެ ދެވަނަ އަހަރު މަޖިލިސް ހުޅުވި ޖަލްސާގައި ވެސް އެމްޑީޕީ މެންބަރުން އިހްތިޖާޖް ކުރިއެވެ.
އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެން 2015 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވެވި އިރު ވެސް އެމްޑީޕީ މެންބަރުން އިހްތިޖާޖް ކުރިއެވެ.

