ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަތަކަށް ދާ މީހުން ރިހެބިލިޓޭޓު ކުރާ ސެންޓަރުތަކުގެ މަސައްކަތް ނިމިއްޖެ: ރައީސް ސޯލިހް

އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ކުރިމަތިލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިސްލާހުކޮށް މުޖްތަމައުއަށް ގެނައުމަށްޓަކައި ޤާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިމާރާތް ނިމިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މި އަހަރަށް މަޖިލީސް ހުޅުވާ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ، ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު ދެނެގަނެ، އެކަން ސަރުކާރުން ހާމަކޮށް އެ ފިކުރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ރައީސްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއީ އެތައް ދުވަތަކެއް ވަންދެން ހައްލު ނުވެފައި އޮތް މައްސަލައެއް ކަމަށާއި، މިކަން މިއަދާއި ހަމައަށް ވެސް ހައްލު ނުކުރެވިއޮތީ މިއީ ނުހިނގާ ކަމެއްގެ ގޮތުގައި ބަޔަކު ދައްކަން މަސައްކަތް ކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ހަރުކަށި ވިސްނުން ދުވަހަށް ދުވަހަށް އިތުރުވަމުން ދިޔައިރުވެސް، ކުރީގެ ސަރުކާރުތަކުން މިފަދަ މައްސަލަތަކަށް އަޅާނުލުމުގެ ނަތީޖާއަކީ މި ފިކުރު ހައްދުފަހަނަޅައި ދިއުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު. މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށް ވިޔަސް، މިއަދާ ހަމައަށް މިކަން ޙައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން.“ ރައީސް

ރައީސް ސޯލިހް ވިދާޅުވީ މި ކަންކަން ޙައްލުކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރެވޭނޭހެން، ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ހިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުއާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ ކަމަށެވެ.

ސަރުކާރުން ވަނީ، ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާ މީހުން، ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރާނެކަން ހާއްމަ ކުރައްވާފައެވެ. އެގޮތުން ބޭރުގެ އެކި ގައުމުތަކުގައި ހިންގާ، ޓެރަރިސްޓު ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިއުމަށްފަހު އެނބުރި އަންނަ މީހުން އިސްލާހުކޮށް މުޖްތަމައުއަށް ނެރުމަށް ގާއިމް ކުރުމަށް ހަދަމުންދިޔަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

”ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިސްލާހުކޮށް މުޖްތަމައަށް ގެނައުމަށްޓަކައި ގާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތް ވެސް މިހާރުވަނީ ހަދައި ނިމިފައި.“ ރައީސް ސޯލިހް

ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ ހުރިހާކަމަކަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީފައިވާކަމަށެވެ. އެގޮތުން މިހާރުވެސް، 8 ރަށެއްގައި މިސްކިތް ޢިމާރާތްކުރަމުން ދާއިރު، އިތުރު 9 ރަށެއްގައި 12 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް، ފެށޭނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގިނަކަމަށް ބުނާ އެ ރަށުން އެ އޮޕަރޭޝަން ކުރިޔަށް ގެންދިޔަ ދުވަސްވަރު އިވިގެންދިޔައީ ބިރުވެރި ވާހަކަތަކެކެވެ. އޭގެ ތެރޭގައި ޅަ އުމުރުގެ ކުޑަކުދިންނާއި، ކައިވެނީގެ ނަމުގައި ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނަށް ވެކްސިން ނުދިނުން އަދި އަންހެން ކުދިންނާއި، އަންހެނުން ހައްގުތަކުން މަހުރޫމް ކުރުން ހިމެނެއެވެ.

ނިމިގެން ދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ.

މި މައްސަލައާއި އެކު، ރާއްޖޭގައި ހައްދުފަހަނަޅާފައިވާ މީހުން ގިނަވެފައިވާ ކަމާއި، އަދި އެއީ މުޖްތަމައުއަށް ނުރައްކާވެެފައިވާ މައްސަލައެއްގެ ގޮތުގައި ގިނަ މީހުން ދިޔައީ ފާހަގަކުރަމުންނެވެ. އަދި ހަރުކަށި ފިކުރުގެ ސަބަބުން މުޖްތަމައުގެ ތެރޭގައި ބިރުވެރިކަމެއް ނުއުފެދެނީސް މިކަން ހުއްޓުވުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ ބައެއް އާބަދީ މަދު ކުޑަ ރަށްތަކުގައި ދީނީ ހަރުކަށިކަން ދަނީ އިންތިހާއަށް އިތުރުވަމުންދާއިރު މުޖްތަމައުގެ ތެރޭގައި ބަޔަކަށް ގެއްލުން ދިނުމަށް މި މީހުން ފަސް ނުޖެހޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ފަރާތުން އެންމެ ފަހުން އެނގިގެން ދިޔަ މައުލޫމާތަކީ މީގެ ކުރިން ހަމަލާތައް ދިނުމަށް ބަޔަކު މަސައްކަތްކޮށްފައިވާ ކަމެވެ. ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައި ވެސް ވެއެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރުގެ ތެރޭގައި ވައިގެ މަގުން ރާއްޖެއަށް ހަރުކަށި ވިސްނުމުގެ ބަޔަކު އިސްވެ އުޅުނު ދޭން އުޅުނު ހަމަލާއާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

އެ ކުށްތަކަށް ގާނޫނުގައި ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފަ އެވެ. ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ވެސް މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައި ވެއެވެ. ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: