މި ހިނގާ 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖޫމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ގަވައިދުވާގޮތުން، ރިޔާސީ ބަޔާނަށް ޖަވާބު ދޭނީ، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ނުވަތަ މައިނޯރިޓީ ލީޑަރެވެ.
ރައްޔިތުންގެ މަޖީލީހުގެ ގޮނޑިތައް ބެހިފައިވާ ގޮތުން، މަޖިލީހުގެ 65 ގޮނޑި ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމްއަށް މަޖިލީހުގެ ފަސް ގޮނޑި ލިބިފައިވާ އިރު، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވެސް ފަސް މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އިދިކޮޅު ޕީޕީއެމް އިއްތިހާދުގައި ހިމެނޭ ޕީއެންސީއަށް މަޖިލީހުގެ ތިން ގޮނޑި ލިބިފައިވާ އިރު މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ދެ މެމްބަރަކު ވެސް މަޖިލީހުގައި ތިއްބަވަ އެވެ.
މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދޭން ޖެހޭނީ މަޖިލީހުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީން ކަމަށެވެ.
މިހާރުގެ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ ކޮބާކަން އެނގުނުހާ އަވަހަކަށް ބަޔާނަށް ޖަވާބު ދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކަށް ވެސް މަޖިލިސް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް 14 ދުވަހުގެ ތެރޭގައި ޖަވާބު ދެއްވަންޖެހޭ ކަމަށެވެ.
”އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސި ބަޔާނަށް ޖަވާބު ދިނުން އޮންނަނީ އޮޕޮޒިޝަން ލީޑަރަށް. އެހެންވެ އެޔެއް އެބަ އޮޅުންފިލުވަންޖެހޭ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު މަނިކުފާނަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުންފިލީމަ އަޅުގަނޑުމެން ފޮނުވާނަން،“ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ މިވަގުތު ހާލަތާއި އެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ޓަކައި ގަސްދުކުރައްވާ ގިނަ ކަންތައްތަކެއް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.
ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކަރުދާސްތަކާއެކުގަ އެވެ. އަދި ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން އެމަނިކުފާނު ކުރިފުޅުމަތީގައި އިދިކޮޅު ފަސް މެންބަރަކު ހިމޭން އިހުތިޖާޖެއް ކުރެއްވިއެވެ.

