މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބުރިޖުގެއެޅުމުގެ މަސައްކަތް މިއަހަރު ފަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޞާލިހު ވިދާޅުވީ، މިހާރު ފެށިފައިވާ މާލެ-ވިލިމާލެ ބުރިޖުގެ ސާވޭގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި، ބުރިޖުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
”މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ބްރިޖްގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭ ފެށިގެންދާނެ،“ ރައީސް ޞާލިހު ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި، އެ ބުރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.
މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖުގެ މަޝްރޫއަކީ، 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) މަޝްރޫއެކެވެ.
ބުރިޖުގެ ޢަމަލީ މަސައްކަތް ނިމި، ހުޅުވާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ.

