ސަރުކާރުގެ އަމާޒަކީ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށާއި އޭގެ ފަހުން ސަރުކާރުން އަމާޒު ހިފާނީ ކުޑަ ބަޖެޓަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މި އަހަރަށް މަޖިލީސް ހުޅުވާ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް އެއް ގާނޫނެއްގެ ދަށަށް ގެނެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ބަދަލާއެކު އަލަށް ތައާރަފްވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް ވަނީ ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
2020 ވަނަ އަހަރު ސަރުކާރުން ހުށަހެޅީ ބަޖެޓަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެއީ ރެކޯޑު ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓުވެސް ބޮޑު ބަޖެޓަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ މިއަހަރާއި އަންނަ އަހަރަކީ، ތަރައްގީގެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރަށް ވުމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ކުޑަ ބަޖެޓަކަމަށް އަމާޒު ހިފާނީ އެހާހިސާބުން ކަމަށެވެ. މި މަސައްކަތްތައް ކުރިޔަށް ގެންދަނީ ރަނގަޅު ރޭވުމެއްގެ ދަށުންކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ނިމިދިޔަ އަހަރު، ދައުލަތުގެ ބަޖެޓުގެ ގޮތުގައި 23.1 ބިލިއަން ހުށަހެޅިއިރު ހަރަދުތައް 28.3 ބިލިއަންއަށް އަރާކަމަށެވެ. އަދި މި އަހަރުވެސް ހިލޭ އެހީގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް ލަފާކުރެއްވިއެވެ.
”މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 23.1 ބިލިއަން ރުފިޔާ. މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދަކީ 28.3 ބިލިއަން ރުފިޔާ. އަދި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާ. ހިނގަމުން މިދާ 2020 ވަނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 30 އިންސައްތަ އިތުރު މިންވަރެއް. މިއަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 24.7 ބިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތަ އިތުރު މިންވަރެއް. އަދި މިއަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ.“ ރައީސް ސޯލިހް
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރި މިސްރާބާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެކަމަށް ބެލެވެނީ 7.5 އިންސައްތައިގައި ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެކަމަށް ބެލެވެނީ 1.0 އިންސައްތައިގައި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 753 މިލިއަން ޔޫ.އެސް ޑޮލަރު ހުރިއިރު މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި، 818 މިލިއަން ޔޫއެސް ޑޮލަރު ހުންނާނެކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރެވެ.
ވޯލްޑް ބޭންކުން ކޮންމެ އަހަރަކު ދެ ކުއާޓަރުގައި ނެރޭ ސަރަހައްދީ އިގްތިސޯދީ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން މިއަހަރު ރައްޖޭގެ އިގްތިސޯދީ ކުރިއެރުން 5.2 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 5.6 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ވޯލްޑް ބޭންކުން، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ހުންނާނީ 5.2 އިންސައްތައިގައި ކަމަށް ލަފަކޮށްފައިވީ ނަމަވެސް މިއަހަރު ފެށުނުއިރު ރާއްޖޭގެ އިގްތިސޯދު 5.7 އިންސައްތައިގައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައި ވެއެވެ.
މިއަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ބޮޑުތަނުން ދަށްވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންވެސް ރާއްޖޭގެ އިގްތިސޯދީ ދުވެލި ދަށްވާނެ އިންޓަނޭޝަނަލް މަނިތަރީ ފަންޑް، އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ.

