ދައުލަތުގެ އެއް ބާރު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދޫކޮށްލުމަކީ އެއްވެސް ބޭފުޅަކަށް އޮތް އިޚްތިޔާރެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ދަްކާފައިވާ ކަަމށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް ފުރިހަމަވެގެންދާނީ، ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށް، މުޅި ނިޒާމަށް ބަދަލުތަކެއް ގެނެސް، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފެދިގެން ކަމަށެވެ. އެހެންކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލަކާއި މަދަނީ އިޖުރާއާތުގެ ބިލެއް، މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އޭގެ އިތުރުން، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހެޅުމަށް ނިނަމާފައިވާ ކަމަށެވެ.
ރައީސްގެ މިވާހަކަފުޅާއި ގުޅިގެން ހައިލަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް މިދިޔަ އަހަރު ގެނެވުނު އިސްލާހުގެ ދަށުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖެހޭ ފަނޑިޔާރުން މިހާތަނަށް ވެސް އައްޔަން ކުރެވިފައި ނުވާ ކަމަށެވެ.
އެގޮތުން ހައިލަމް ވިދާޅުވީ ކޯޓުތަކުގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙު ތަޞްދީޤު ކުރެވުނުފަހުން 6 މަސް ވެއްޖެ ކަމަށާއި ސުޕްރީމްކޯޓު ފުރިހަމަ ގޮތުގައި އެކުލަވާނުލައި ދައުލަތުގެ އެއް ބާރު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދޫކޮށްލުމަކީ އެއްވެސް ބޭފުޅަކަށް އޮތް ބާރެއް ނޫން ކަމަށެވެ.
https://twitter.com/AhmedHailam/status/1224215019946004480
މިދިޔަ އަހަރުގެ ކޯޓުތަކުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދ ު5 އިން7 އަށް ވަނީ ބދަލުކޮށްފައެވެ. އެގޮތުން މިހާރު މުޅީ ސުޕްރީމް ކޯޓުގެ ބެންޗު އެކީއެކަށް ވަނީ ބަދަލުވެފައެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު ހުސްވެފަިއވާ ދެ ފަނޑިޔާރުންގެ މަގާމަސް ދެ ބޭފުޅަކު އަްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސާލިޙް ވަނީ އެދިވަޑައިގެންފައެވެ. އޭގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެނއިން ހިމެނެއެވެ. ނަމަވެސް ޖޭއެސްސީން ވަނީ ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސްއަށް ލަފާދެއްވާފައެވެ.

