ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސްއާއި ގުޅިގެން، އެކަހެރިކުރި ދިވެހިންގެ ގައިން ވައިރަސްގެ އަސަރު ފެނިފައި ނުވާތީއާއި، ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްކަމަށް ދައްކާފައިވާތީ ހެލްތް ޕްރޮޓެކްޝަންގެ މޮނީޓަރިންގެ ދަށުން އެ މީހުން ދޫކޮށްލައިފިއެވެ.
މިދިޔަ މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބަޔާނެއް ނެރެ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އޮތުމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ގޮތުގެ މަތީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުނެފައެވެ. ޗައިނާއިން ފެތުރުނު، ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަންވެސް ވަނީ ފަށާފައެވެ.
ރާއްޖެ އިން، ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ފަރުވާ ދިނީ އެންމެ މީހަކަށެވެ. ޗައިނާ އިން އައި އުމުރުން 20 އަހަރުގެ ޒުވާނާ އެ ވައިރަހަށް ޕޮޒިޓިވްއެއް ނޫންނެވެ. އޭނާގެ އިތުރުން ޗައިނާއިން ރާއްޖެއައި އިތުރު ބައެއްވެސް މިނިސްޓްރީން އެކަހެރި ކުރިއެވެ.
ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާކަން ހާމަކުރައްވާ، އެ ޓެސްޓުތައް ނެގެޓިވްކަން އެންމެ ފުރަތަމަ ހާމަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އެއަށްފަހު ސާމްޕަލްތަކުގެ ނަތީޖާތަކާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ހުރެދާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކުރިއަށް ގެންދެވޭ ސާވެއިލަންސްގެ ދަށުން ބަލި ހުރެދާނެ ކަމަށް ބެލެވޭ މިންގަނޑަށް ފެތޭ މީހަކު ޖަނަވަރީ 30 ގައި ފާހަގަ ކުރެވެ އެކަހެރިކޮށް ބަހައްޓައިގެން ފަރުވާދީފައިވާ ކަމަށެވެ. އަދި ނޮވެލް ކޮރޯނާ ވައިރަހަށް އެމީހާ ޓެސްޓް ކޮށްފައިވާ ކަމަށެވެ.
އަދި ވައިރަސް ހުރެދާނެ ކަމަށް ޝައްކުކުރެވޭ މީހުން ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތުނު ނަމަވެސް އިތުރު ހަ މީހެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރެވިފައިވާ ކަމަށާ އެ ހުރިހާ މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ވެސް ދައްކަނީ ނެގެޓިވްކޮށް ކަމަށް ވަނީ ބުނެފަ އެވެ. މިހާރު އެ ހުރިހާ ފަރާތްތަކަކަށް ވެސް ޓެސްޓުގެ ނަތީޖާ އަންގާފައި ވާނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ނަތީޖާ ނެގެޓިވް ވުމުން އެ ހުރިހާ ފަރާތްތައް ވެސް އެ އެޖެންސީގެ މޮނިޓަރިންގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއާއެކު ބައްޔަށް ޝައްކު ކުރެވިގެން އެކަހެރިކޮށްފައިވާ އަދި މޮނިޓަރިންގައި ބެހެއްޓިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތް ކަމަށެވެ.
ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާވައިރަސް މިހާރު އެކި ގައުމުތަކަށް ފެތުރި، 17,000 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 361 އަށް އަރައިފައެވެ.

