ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވޯޓްފޮށިތައް، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށް ބޭނުންވާ ވަރަށް ދޫކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައި ވަނީ އީސީގެ މުދާ ބޭނުން ކޮށްގެން ކަމަށާއި އެއީ ދައުލަތުގެ މުދާ ކަމުން އެކަން އެ ގޮތަށް ވެގެން ނުވާނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީން ބޭއްވި ޕްރައިމަރީއަށް އެ ކޮމިޝަނުން ވޯޓު ފޮށި ދޫކޮށްފައިވާ ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުން ވެސް އެ ޕާޓީތަކުގެ ޕްރައިމަރީއަށް ވޯޓު ފޮށި ދޫކޮށްދޭން އެދުމުން ދޫކޮށްދޭނެ ކަމަށެވެ.
އީސީގެ ނާއިބް ރައީސް އަހުމަދު އަކްރަމް ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބަށް ޕީޕީއެމުން ބާއްވާ ޕްރައިމަރީގައި ބޭނުން ކުރުމަށް ޕީޕީއެމަށް ވޯޓް ފޮށިތަކެއް ރޭ ދޫކޮށްފައިވާ ކަމަށެވެ.
https://twitter.com/akram4535/status/1224373174587932672?
އަކްރަމް ވިދާޅުވީ އީސީން އަދި އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޮމިޝަންގެ އެއްވެސް މެންބަރަކު ވަކި ސިޔާސީ ޕާޓީއަކަށް ވަކި ގޮތެއް ހޯދައި ނުދޭނެ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ ހުކުރު ދުވަހުއެވެ.

