ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނަޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅައިފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި ވަނީ އިއްވާފައެވެ.
ބިލު ހުށަހަޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މަދުކުރުމެވެ. އެ ބިލުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަކީ އެކުދިންނަށް ލިބިގެންވާ ހައްގެއް ނަމަވެސް ޖިންސީ ގޯނާގެ މައްސަލަތައް މުޖުތަމައުގައި ގިނަ ކަމަށެވެ.
މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި 11 ކުށެއް ހިމަނާފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ނުހިމެނެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގެ ޝަރީއަތްތަކުގައި، މައްސަލައިގައި ހިމެނޭ ހަސްމުންނާއި، ހެކީންނާއި، ހަބީރުން އަނގަބަހުން ދައްކާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރަންވާނެއެވެ. ނުވަތަ ސްޓެނޮޓައިޕް ވަސީލަތެއް ބޭނުންކޮށްގެން އެ ފަރާތްތަކުން އަނގަބަހުން ދައްކާ ވާހަކަތައް އަކުރުން އަކުރަށް ވަގުތުން ލިޔަންވާނެއެވެ.
ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކޮށްފި މީހަކު، އެމައްސަލައެއްގައި ދައުވާކޮށްފި ނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ ކުށެއް ކޮށްފި ނަމަ އެމީހަކު ކަފަލާތުގެ ދަށުން ދުލެއް ނުކޮށްލެވޭނެ އެވެ.

