ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވާ ފަރާތެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގިފައި އޮތް އަހްމަދު ހިޝާނަކީ ޖިންސީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑާ މިނިސްޓްރީ އަށް މާކުރިން ވެސް އެނގިފައިވާކަން ހާމަވެއްޖެއެވެ.
ހިޝާނަކީ ޖިންސީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަމާއި އޭނާއަށް ސަރުކާރުން ހާއްސަ އިނާމާއި އެމްބެސެޑަރުކަން އޭނާ ދިން އިރުވެސް، ޖިންސީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑާ މިނިސްޓްރީ އަށް މާކުރިން ހުށަޅާފައިވާކަން ހާމަވީ މިއަދު ހައި ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމެއްގައެވެ.
ހައި ކޯޓުގައި މިއަދު އޮތީ، ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާން ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ހިޝާން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއް، އޭނާ އެދުނު ގޮތަށް ކޮށްދެވެން ނެތް ކަމަށް ކުރި ހުކުމުގެ އިސްތިއުނާފުގެ އަޑު އެހުމެކެވެ.
ހައި ކޯޓުގައި އިސްތިއުނާފުގެ އަޑު އެހުމުގައި ހިޝާންގެ މައްޗަށް ކުރެވެނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހައި ކޯޓަކުން ނުބުންޏަސް، ”އެކަހަލަ ތުހުމަތުތަކެއް ހުއްޓާ“ އެގޮތަށް ބުނެފައިވެއެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް ހިޝާނެއް ވެސް އަދި ބެލެނިވެރިކަން ހޯދަން އެދޭ ފަރާތުން ވެސް ހާޒިރެއް ނުވުމުން އިސްތިއުނާފުގެ މައްސަލަ ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނިޔާޒް ވިދާޅުވީ މިއަދު ބާއްވަނީ ޝަރީއަތުގެ މަޖިލީހެއް ނޫން ކަމަށާއި އެކަމަކު ސާފުކޮށްދޭންޖެހޭ ކަމަށެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކުރީ ހިޝާންއާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުން އިންޓެލިޖެންސުން ދިން މައުލޫމާތާ އެކު ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.
ބެލެނިވެރިކަން ހޯދަން އެދުނު ކުއްޖާ 2018 ވަނަ އަހަރުން ފެށިގެން އަދިވެސް އުޅެނީ ހިޝާންއާ އެކީގައި ކަމަށް ފަނޑީޔާރު ނިޔާޒް ވިދާޅުވިއެވެ. އަދި އެފަދަ ކަންތައްތަކެއް ތުހުމަތު ކުރެވޭއިރު ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލީ ކީއްވެތޯ ފަނޑިޔާރު ވަނީ، ޖެންޑާ މިނިސްޓްރީން ކޯޓަށް ހާޒިރުވި ލީގަލް އޮފިސަރާއި ސުވާލު ކުރައްވާފައެވެ.
މައްސަލާގައި ހިމެނޭ ފަރާތް ހާމަވާނެ އެއްވެސް މައުލޫމާތެއް މީޑިއާގައި ހާމަނުކުރަން ޝަރުތުކުރައްވައި، ފަނޑިޔާރު ނިޔާޒް ވަނީ ކަން ހިންގާފައިވާ ގޮތް ޝަރީއަތްކުރާ މާލަމުގައި ހާމަކުރެއްވާފައެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ހާއްސަކޮށް، ސިކުނޑީގެ އުނިކަމެއް ހުންނަ ނަމަ އުމުރުން 18 އަހަރު ވިޔަސް އަމަލުކުރަން ޖެހޭނީ ކުޑަކުއްޖަކާ މެދު އަމަލުކުރާ އުސޫލުން ކަމަށެވެ.
އެގޮތަށް އެކަން އޮތްއިރުވެސް ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލައި އެ ކުއްޖާ އަދިވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައިކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. މި މައްސަލާގައި ހިޝާނާ ދެކޮޅަށް 2018 ވަނަ އަހަރު ހުކުމް ކުރުމުން އޭނާ ހައި ކޯޓަށް ދިޔައިރުވެސް ކުއްޖާ ހުރީ ހިޝާންގެ ބެލުމުގެ ދަށުގަ އެވެ.
ހިޝާނަށް ގައުމީ އިނާމުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން ދީފައި ވަނީ ވެސް ޖެންޑާގައި، ހިޝާންއާ ބެހޭ ގޮތުން މި ހުރިހާ މައުލޫމާތެއް ހުއްޓަ ކަމަށްވާތީ އެކަން އެގޮތަށް ހިނގީ ކީއްވެތޯ ގާޒީ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.
ކުއްޖާގެ މައްސަލަ 2015 ވަނަ އަހަރުން ފެށިގެން ޖެންޑާގައި އޮވެ، ހިޝާންގެ ބެލުމުގެ ދަށުގައި އެ ކުއްޖާ އަދިވެސް ހުރި މައްސަލަ ފަނޑިޔާރު ތަކުރާރުކޮށް ފާހަގަކުރައްވަމުން ވިދާޅުވީ ހިޝާނަށް ގައުމީ އިނާމުތައް ވެސް ހިޝާނަށް ދިނީ މި ހުރިހާ ތުހުމަތެއް އެނގިތިބެ ކަމަށާއި މިއީ މިކަން ވެގެން ވާނެ ގޮތް ނޫން ކަމަށެވެ.
އެކަން ސާފުކުރަން ޖެންޑާ މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސިޓީއެއް ފޮނުވުމުން އަދިވެސް ސިޓީ އަށް ޖަވާބު ނުލިބޭ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ އައީ ވެސް އެ ސިޓީއާ ގުޅިގެންކަން ފާހަގަކުރެއްވި އެވެ.

