ރަނގަޅު ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކޮށް، ލޭންޑް ޓްރާންސްޕޯޓް ރަނގަޅު ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ހުންނެވި މިނިސްޓަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވެގެން އެމަޤާމުގައި ބަހައްޓާނަމަ އެއްވެސް ކަމެއް ރަނގަޅު ނުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މުއްސަނދިންގެ އަނބިންނާއި، ދަރިން ބެލެހެއްޓޭނެ ކަމަށާއި އެކަމަކު އާއްމު ރައްޔިތު މީހާއަށް ބަލަންޖެހޭ ކަމަށެވެ.
ޖާބިރު ވިދާޅުވީ ރައްޔިތުންގެ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އަމުރަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބަލާނެ ހަގީގީ ޓްރާންސްޕޯޓް މިނިސްޓަރެއް ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކޮށް، ލޭންޑް ޓްރާންސްޕޯޓް ރަނަގަޅު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެއްގަމު ދަތުރުފަތުރުގެ ނިޒާމް ރަނގަޅު ކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އަދި ޖާބިރު ވިދާޅުވި ގޮތުގައި ކަންކަން ހިންގެވުމުގައި ނަހުލާ ވަނީ ނުކުޅެދިފައެވެ.
”އަޅުގަނޑު އަޑު އަހަނީ ތަރިކަ މުދާ ބަހާ ވާހަކަ. ޓްރާންސްޕޯޓް މިނިސްޓްރީ މީހަކަށް ދޭ ވާހަކަ މީގެ ކުރިން އަޑއަހާފައެއް ނެތް. މެއިން ޓްރާންސްޕޯޓާއި ބެހޭ ވާހަކަ މި ދައްކަނީ. ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި އުޅޭ މީހެއް އަޅުގަނޑަކީ. މި ރާއްޖޭގެ ޓްރާންސްޕޯޓްގެ ސިސްޓަމް އޮޕަރޭޓްކުރަން ހުރި މިނިސްޓަރު ގާބިލިއްޔަތު ކަމާއި މެދު އެބަޖެހޭ ސުވާލު އުފައްދަން. ގާސިމް އިބްރާހިމް އަނބިކަނބަލުންނަށް ވީމަ ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބެންޏާ ދެން ކިހިނެއްތޯ މިކަން ރަނގަޅުވާނީ“ ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ އަންހެން ބޭފުޅުންނަށް މަގާމުތައް ދިނުމަށް އެއްވެސް ވަރަކަށް ދެކޮޅު ހައްދަވާފައި ނުވާ ކަމަށެވެ. ދެކޮޅު ވަނީ ކޯލިޝަން ޕާޓްނަރުގެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލަށް ވަޒީރުކަން ދީފައި ހުރުމާއި ކަމަށް ޖާބިރު ވިދާޅުވިއެވެ.
ރިޔާސަތުގައި އެވަގުތު އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ އީވާ ވެސް އެ މަގާމަށް ވަޑައިގަތީ އިންތިހާބެއްގައި ވާދަކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ކަމަށެވެ.
ޖާބިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އަންހެނަކާއި މެދު ހުތުރުކޮށް ވާހަކަ ދައްކަން އުނދަގޫ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ފަހަތަކަށް ނުޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

