ކޮރޯނާ ވައިސްގެ ސަބަބުން ދިވެހި އިގްތިސާދަށް އަސަރު ކުރާނެތީ، ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުން އާ ވަޒީފާތައް އުފެއްދުމާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ދަތުރު ނުކުރުމަށް، ފިނޭންސް މިނިސްޓަރު އަންގަވައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސޮއިކުރައްވައި ދައުލަތުގެ އިދާރާތަކަށް ފޮނުއްވި، ސާކިއުލާއެއްގައި ބުނެފައި ވަނީ، މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރުމާއި ދަތުރުތަކުގެ ހަރަދު ކުޑަކުރުން، އޮފީސްތަކުގެ މަރާމާތާއި ބެލެހެއްޓުން، ކެޕިޓަލް ހަރަދު އަދި އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަންގަވައިފަ އެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ، ބަޖެޓުން ހަރަދު ކުރާ ގޮތަށް، އާ މަގާމުތައް ނުއުފެއްދުމަށާއި ބަޖެޓްގައި ހިމެނިފައިވީ ނަމަވެސް، މިވަގުތަށް ދޭން ފަށާފައި ނުވާ އާ އެލަވަންސްތައް މުވައްޒަފުންނަށް ނުދީ މަޑުޖައްސާލަން އަންގާ ކަމަށެވެ. އަދި ޕޭ ކޮމިޝަނުން ރިވިއުކޮށްގެން އަދި ފިނޭންސްގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އަންގަވައިފަ އެވެ.
ދަތުރުތަކާ ގުޅޭ ގޮތުން، މިނިސްޓަރު އެންގެވީ، ދައުލަތުގެ ބަޖެޓުން ހުރިހާ ހަރަދެއް ކުރަން ޖެހޭ ގޮތަށް ރާއްޖެއިން ބޭރަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށެވެ. އަދި ދައުލަތުން ހުރިހާ ހަރަދެއްކޮށްގެން، ފެއާތަކުގައި ބައިވެރިވުމާއި ސްޑަޑީޓްއާތަކާއި ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ.

