ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލް 10 އަހަރު ވަންދެން އޮޑިޓް ނުކޮށް އޮތް މައްސަލަ މަޖިލީހަށް ހުށައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލަކީ މާލޭގެ ބިންތަކާއި އާންމު އެކި ވަސީލަތްތަކުން ބޮޑެތި މަންފާތަކެއް ލިބެމުންދާ ދައުލަތުގެ މުހިންމު އިދާރާއަކަށް ވީނަމަވެސް، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެ އިދާރާގެ އޮޑިޓެއް ހަދާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފިއެވެ.

މި މައްސަލައަކީ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި ޒިންމާދާރުކުރުވުމުގެ ނިޒާމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މެންބަރު ހުށަހެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވަނީ، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ކައުންސިލް އޮޑިޓްކޮށްފައި ނުވާއިރު، އެ މަސައްކަތް ކުރުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އުސޫލުތައް ބުނާގޮތުން ކޮންމެ އިދާރާއެއްގެ ހިސާބުތައް ބަލައި އޮޑިޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާއިރު، މިހާ ދިގު މުއްދަތެއް ފާއިތުވެގެންދިޔައިރު އޮޑިޓް ނުކުރެވި އޮތް ސަބަބު ސާފުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

މި މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ވީހާވެސް އަވަހަށް ކައުންސިލްގެ އޮޑިޓެއް ހަދައި، އެ ރިޕޯޓުތައް އާންމުކުރުމަށް ބާރުއެޅުމަށެވެ. އަދި މިކަމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް އިންތިޒާމުކޮށް، އެ ކޮމިޓީއަށް އޮޑިޓާ ޖެނަރަލް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މިއީ ދައުލަތުގެ ފައިސާއާއި މުދަލަށް ޒިންމާދާރުވާނެ ގޮތެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މެންބަރު ވަނީ ސިފަކުރައްވާފައެވެ.

ސިޓީ ކައުންސިލްގެ އޮޑިޓްގެ މައްސަލަ ބޮޑުވެގެން ދިޔައީ ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ތެރޭގައެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކައުންސިލް ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ތުހުމަތުތައް ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ މޭޔަރު އާދަމް އާޒިމް ވެސް ހިމެނިވަޑައިގަންނަވާއިރު، އާޒިމް މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ މައްސަލަތައް ބެލުމަށް ފަސްޖެހޭ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރެއެވެ.

މޭޔަރު އާދަމް އާޒިމް މި ތުހުމަތުތައް ދޮގުކުރައްވަމުން ވިދާޅުވެފައިވަނީ، ކައުންސިލްގެ އެތެރޭގެ ދެ އޮޑިޓެއް މިހާރު ނިމިފައިވާ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ މީހުންގެ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް، މި އޮޑިޓްތަކުގެ ތަފްސީލެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލް ފަދަ ބޮޑު ބަޖެޓެއް ހޭދަކުރާ އިދާރާއެއް 10 އަހަރު ވަންދެން އޮޑިޓް ނުކޮށް އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. ރައްޔިތުންގެ ފައިސާއަށް ވީނުވީއެއް އެނގެން އޮތީ މިނިވަން އޮޑިޓެއް ހެދިގެން ކަމަށްވާތީ، މަޖިލީހުން މި މައްސަލަ ބަލައި، ވީހާވެސް އަވަހަށް ފުރިހަމަ އޮޑިޓް ރިޕޯޓެއް އާންމުކުރުމަކީ ދެފުށް ފެންނަ ވެރިކަމެއް ގާއިމުކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: