ދައްކާ ވާހަކަތަކުން ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލަރެންސެވެ. އެކަމަކު ކަންކުރާތަން ފެންނަނީ ދިމާ އިދިކީލަ ކޮށެވެ. އޭގެ އެންމެފަހުގެ މިސާލަކީ ދައުލަތަށްވާ ގެއްލުމަކަށް ބެލުމެއްނެތި، އެމްއޭސީއެލް އިން ހުޅުލޭގައި ހަދާ އާ ސީ ޕްލޭން ޓާމިނަލުން ބޮޑު ބައެއް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ދޭން ނިންމުމެވެ. އެކަން އެގޮތަށް ކޮށްފިނަމަ އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށް، ހާއްސަ އޮޑިޓުން ފެންނަންވެސް އޮއްވައެވެ.
ކުރިއަށް ވުރެ ޚަރަދު ބޮޑުކޮށް ހިއްކާފައިވާ ބިމެއްގައި، އިހުނަށްވުރެ ޒަމާނީ ޓާރމިނަލެއް އެޅުމަށް ފަހު އެތަން ބިޑުކުރުމެއް ނެތި، ބަހާލީ ކެޔޮޅަކު މަސްކޮޅު ބަހާލާ ހެނެވެ. އިންވެސްޓަރުންގެ ހިމާޔަތުގައި ކަމަށްބުނެއެވެ. ދައުލަތަށް ގެއްލުންވިޔަސް ވަރިހަމަ ކަމަށެވެ. ދައުލަތަށް ގެއްލުންވާގޮތަށް ކަންކަން ކުރުމަކީ މާލިއްޔަތު ގާނޫނާ ޚިލާފުކަމެއް މާލީ ވަޒީރަށް އެނގިހުރެ އެގޮތަށް ނިންމެވުމަކީ އޭގެ ފަހަތުގައި ސިއްރުތަކެއްވާނެ ކަމެކެވެ. ފަހަރުގައި ވަރުގަދަ ވިޔަފާރިވެރިން ކޮޅެއް ތިބުން ވަރަށް ގާތެވެ.
ތަންކޮޅެއް ކުރީން ސައުތު އެފްރިކާ ބައްރުގެ ގައުމުތަކުގައި، މަދުއަދަދެއްގެ ދޮންމީހުން މުޅިދައުލަތުގެ ތަނަވަސްކަމާއި މުއްސަނދިކަމުގެ މައްޗަށް ވެރިވެގެން ތިބިފަދައިން އެކާވީސް ވަނަ ޤަރުނުގައި މިރާއްޖޭގެ ހައެއްކަ ސައުދާޤަރުންގެ އަމަލުވެސް ހުރީ މިދެންނެވި ފަދަ ގޮތަކަށެވެ. ޒީރޯ ޓޮލަރެންސާއި އެކު އައި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވެރިން މިފެންނަނީ އެ ސައުދާގަރުންގެ އުނގަށް ވެއްޓިގަނެން އުޅޭތަނެވެ. އެއާރޕޯރޓް ޑީލްތަކުން ކަޓު ނާޅައި ވެރިކަން ކުރެވޭނެ ހަމައެއްވެސް މަގެއް ނުފެންނަ ކަހަލައެވެ. ކުރިން ޖެހުނީ އިންޑިއާގެ ޖީއެމްއާރަށް އެއާރޕޯރޓް ދިން މައްސަލައެވެ.
ކޮންމެ ފަހަރަކުވެސް އެ އަންނަ ސަރުކާރަކުން އަޑި ނޭނގޭ ޑީލްތަށް ހެދުމުން، އާޚިރުގައި އޭގެ ގެއްލުމާއި ބަދަލު ދޭންޖެހެނީ ރައްޔިތުންނަށެވެ. ދިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެހެން ކުންފުންޏަކަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް ރައްޔިތުންގެ މުދާ ދޫކޮއްލުމަކީ ޒީރޯ ޓޮލަރެންސަކަށް ނުވާނެއެވެ. އެވާނީ ކޮރަޕްޝަނަށެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ދިވެހި ރައްޔިތުންގެ ފައިސާއަށް ބަޔަކު ހިތު ހުރިގޮތެއް ހަދާނެކަން މިހާރު ކަށަވަރުވެއްޖެ ކަހަލައެވެ.
ދައުލަތުގެ މުދަލާއި ތަކެތިން ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަންކޮށްފައި ބޮޑުންނަށް ބައިއަޅަނީއެވެ. އަނެއްކޮޅުން މަހުޖަނުންގެ އުނގަށް ވެއްޓި، ނިކަމެތިންގެ ކުދިކުދި ވިޔަފާރިތަކުން ހެސްކިޔާފަ ޓެކްސްނަގަނީއެވެ. ޒީރޯޓޮލަރެންސަކީ ޕްރޮފެޝަނަލްކޮށް ވައްކަން ކުރުމަށް ރައްޔިތުން އޮޅުވާލުމަށް ބޭނުންކުރާ ހީލައްތެރި ނަމެކޭ ބުނުމަކީ ދޮގު ވާހަކައަކަށް މިހާރަކު ނުވާނެއެވެ.
ނަންވާނީ ޔާމީނުގެ ސަރުކާރެވެ. ޔާމީނުގެ ސަރުކާރުގައިވެސް އޮޑިޓް ރިޕޯޓްތައް ބޮލާލައި ޖެހީއެވެ. މިސަރުކާރުގައި ކަންހިނގާތަން މިފެންނަނީ ހަމަ އެގޮތަށެވެ. ކޮންމެވެސް ދިމާލަކުން އެޅިފައިވާ ބާގަނޑެއް ހޯދާ، އެދިމާލަކުން މާލިއްޔާ ހަފުސްކޮށް ހުސްކުރަނީއެވެ. ކުރީ ސަރުކާރަށް ފެނުނީ އެމްއެމްޕީއާރުސީއެވެ. ދެން ފެނުނީ އެމްޓީޑީސީއެވެ. މިސަރުކާރަށް އެމްއޭސީއެލްއެވެ. ސަހަލު އެކަކުވެސް ނެތެވެ. ޒީރޯ ޓޮލަރެންސް އިތުރުވާ ގޮތަށް ކޮރަޕްޝަން ހިންގާ ޓޮލަރޭޓް ކުރުމުގައިވެސް ސަރުކާރު ދުވަކަހަށްވުރެ ދުވަހެއް އަންނީ ކުރިއަރަމުންނެވެ. އެކަން އެންމެފަހުން އާންމުކުރި ކޮރަޕްޝަން އިންޑެކްސްގައި އެއޮތީ ފެންނާށެވެ.
ހަޤީގީ ޒީރޯ ޓޮލަރެންސަކީ މަހުންޖަނުންގެ ތައްޕާހަށް ވެއްޓުންކަން މިދަނީ އެނގެމުންނެވެ. ޒީރޯ ޓޮލަރެންސޭ ކިޔާ ބޮޑެތި ބެނާ އާ ބޯޑުތައް މުޅި ރާއްޖޭގައި ބަހައްޓައިގެން ވެރިކަމަށް އައިސް، މިއަދު ރައްޔިތުންކުރި އިތުބާރު ވެއްޔާ މޮޑެލަނީ ހައެއްކަ މަހުޖަނުންގެ ރުހުން ހޯދަންހެން ހީވާ ކަހަލައެވެ. ރޯމާ ދުވާލު ހިންގާ ޖަރީމާތަކުގައި ޒީރޯ ޓޮލަރެންސް ހުރި މިންވަރު މި ފެންނަނީ އަދި ކިރިޔާއެވެ.

