ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީންނާއި މި ޤައުމުގައި އުޅޭ ބިދޭސީންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކުރާނަން – ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި އަނބިކަނބަލުން މެޑަމް ފަޒްނާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ބޭއްވެވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) ގެ ކުއްލި ބައްދަލުކުރެއްވުމަކަށްފަހު ސަރުކާރުން ނެރުއްވި ނޫސްބަޔާނެއްގައެވެ. ތިރީގައި އެވަނީ މިކަމާގުޅޭގޮތުން ސަރުކާރުންނެރުއްވިބަޔާނުގައެވެ.

”އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ރައީސް ސާލިޙް ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދުގައި މިފަދަ ފިނޑި ޢަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށްރައީސްވިދާޅުވިއެވެ. 

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ. މި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއާއިއެކު، މި ފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ޤައުމީ ސަލާމަތަށްހުރި ވަރަށް ”ސީރިއަސް“ ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސްރައީސްވިދާޅުވިއެވެ. 

މި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ޢަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަމަކާއިބެހޭ މަޢުލޫމާތު ކަމާއިބޭހޭ އިދާރާތަކާއި ޙިއްޞާކުރެއްވުމަށް ޢާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، މިފަދަ ނުރައްކާތެރި ޢަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖެއިން ފުރުޞަތު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވެއެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި ދިން ހަމަލާއާއި ގުޅިގެން އިތުރަށް ދަންނަވަމެވެ. މި ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދަވާ ތަހުޤީޤުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނަމެވެ. އަދި، މިކަމާއި ގުޅިގެން ޢާންމުންނާއި ޙިއްޞާ ކުރައްވަން ޖެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ޢާންމުންނާއި ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މި ފުރުޞަތުގައި ދަންނަވަމެވެ.“

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: